އުތުރުގައި ގާއިމް ކުރެވިގެންދާ އެއާޕޯޓްތަކާއެކު ޓޫރިޒަމް އުތުރަށް ފުޅާކޮށް އިންވެސްޓްމެންޓްތައް ގެންދިއުމަށް ފުރުސަތު ފަހިވެގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ މިހާރުވެސް އިންވެސްޓްމެންޓް ހޯދުމުގެ ގޮތުން އުތުރުގެ ބައެއް ރަށްތައް ޕްރޮމޯޓު ކުުރުުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމް އޮތް ގޮތުން ކަމަށެވެ.
އެގޮތުން ފުނަދޫ އަދި ކުޅުދުއްފުށީގައި އެއާޕޯޓް ގާއިމް ކުރެވުމުން އެ ސަރަހައްދަށް ރިސޯޓް އިންވެސްޓްމެންޓްތައް ގެންދެވޭނެ ކަމަށެވެ. ކުޅުދުއްފުއްޓާއި ފުނަދޫގެ އިތުރުން ހއ. ހޯރަފުށީގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރިސޯޓްތައް ހެދުމަށް އަލަށް ރަށްތައް ހުޅުވާލުމުގެ ބަދަލުގައި މިހާރު ރިސޯޓް ހަދަން ހުޅުވާލެވި، ރިސޯޓް ހަދަން ރަށްތަކުގެ މަސައްކަތް ނިންމުން ކަމަށާއި އެގޮތުން ހދ އަތޮޅުަގައި ރިސޯޓް ހެދުމުގެ މަސައްކަތް ފަށާ ނުނިމި ހުރި ރަށްތައް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަމާޒަކީ 2018 ވަނަ އަހަރަށް 50 ރަށް ރިސޯޓުގެ ގޮތުގައި ތަރައްގީކޮށް ހުޅުވުން ކަމަށާއި އެގޮތުން މި އަަހަރުގެ ތެރޭގައި 9 ރިސޯޓު ހުޅުވާ 2017 ވަނަ އަހަރު 20 ރިސޯޓެއް ހުޅުވުން ކަމަށެވެ.