ކާޑުގެ ބާވަތްތަކަށް އައި ބަދަލާއިއެކު ކުޅުދުއްފުށީ ހޮޓާތަކުން ވިއްކަމުން އައި ހެދިކާގެ ބާވަތްތައް އަގުބޮޑުކޮށްފި އެވެ.
ކުޅުދުއްފުށީގެ ބައެއް ހޮޓާތައް ހިންގާ ފަރާތްތަކުން ބުނީ ކުރިން ވިއްކި ކޮންމެ ބާވަތަކުންވެސް 1 ރުފިޔާ އަގުބޮޑުކޮށްފައި ވާނެ ކަމަށާއި އެގޮތުން ކުރިން 2 ރުފިޔާއަށް ވިއްކަމުން އައި ހެދިކާގެ ހުރިހާ ބާވަތެއްވެސް މިހާރު ލިބެނީ 3 ރުފިޔާއަށް ކަމަށެވެ.
ހެދިކާގެ އިތުރުން ސައި، އަދި ކޮފީގެ ބާވަތްތަކުގެ އަގަށްވެސް ވަނީ ބަދަލުގެނެސްފަ އެވެ.
ހޮޓާތަކުން ދޭ ހިދުމަތުގެ އަގަށް ބަދަލުގެނެސްފައިވާއިރު ކުޅުދުއްފުށީ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން ބުނީ މިވަގުތު ތަކެތީގެ އަގަށް ބަދަލުގެނެސްފައި އަދި ނުވާނެކަމަށާއި އަގަށް ބަދަލު ގެންނާނީ ކާޑުގެ ބާވަތްތަށް ލިބޭ އަގުތައް ބަލާފައިކަމަށެވެ.
ކާޑުގެ ބާވަތްތަކުން ސަބްސިޓީސް ކަނޑާ ލުމާއި ގުޅިގެން އައި ބަދަލާއިއެކު 3.98 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް ދެން ވިއްކާނީ 7.96 ރުފިޔާއަށެވެ. މިހާރު 2.98 ރުފިޔާއަށް ވިއްކާ ފުށް ކިލޯގެ އަގު، 5.96 ރުފިޔާ ބޮޑުވާނެ އެވެ. އަދި ހަކުރު ކިލޯއެއްގެ އަގު ވަނީ 4 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.