twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކީރިތި ގުރުއާން ހިތުދަސްކުރި ހަ ދަރިވަރަކަށް ޝަރަފުގެ އެވޯޑް ހަވާލު ކޮށްފި

Oct 3, 2016

މިއަހަރުގެ ކީރިތި ގުރުއާން ހިތުދަސްކުރި ހަ ދަރިވަރަކަށް ޝަރަފުގެ އެވޯޑް ރޭގަ ބޭއްވި ރަސްމިއްޔާތުގައި ވަނީ ހަވާލު ކޮށްދީފައެވެ.

ގުރުއާން ކިޔެވުމުގެ 31 ވަނަ ގައުމީ މުބާރާތް ފެށުމުގެ ގޮތުން ރޭގަ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ހާފިޒު ކަމުގެ ޝަރަފު ލިބުނު ދަރިވަރުންނަށް އިނާމު ވަނީ ހަވާލުކޮށްފަ އެވެ. އެވޯޑް ހަވާލުކޮށްފައިވަނީ ފަސް ދަރިވަރަކަށެވެ. އަހުމަދު ސުޖާއުއަށް އެވޯޑް ނުދެވުނީ އޭނާ އަކީ ސައުދީ އަރަބިއާގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރަކަށް ވެފައި ރަސްމިއްޔާތަށް ނާދެވުމުން ކަމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ހާމަކޮށްފައި ވެއެވެ.

މިއަހަރު ގުރުއާން ހިތުދަސްކޮށްގެން ޝަރަފުގެ އެވޯޑް ހޯދާފައިވާ ދަރިވަރުންނަކީ:

• ބައްސާމާ ސުލައިމާން، ފުނަކުރި/ ހއ. ދިއްދޫ

• ސުލްތާން މުހައްމަދު ލަތީފު، ފެހިގެ/ ދ. މީދޫ

• ހިމްނާ މުހައްމަދު އިޔާޒު، ހ. ލަކީ/ ކ. މާލެ

• މަރިޔަމް ހުލްމާ މަޝްކޫރު، އިހާ/ ސ. ހިތަދޫ

• އާލާ އަޒްމަތު ޖަމީލު، މއ. ނާރެސް/ ކ. މާލެ

• އަހުމަދު ޝުޖާއު ޝަރީފު، ހުޅުމާލެ ފްލެޓް ނަންބަރު 04- ޖީ6

ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ގުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމުގެ އިތުރުން ކީރިތި ގުރުއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގަށް ގުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ބާއްވާ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި މިއަހަރު 32 ސެންޓަރަކުން 183 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ ހިތުން ކިޔެވުމުގެ ގޮފިން 52 ބައިވެރިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން 131 ބައިވެރިންނެވެ. އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން މިއަހަރުގެ މުބާރާތުގައި 20 ބައިވެރިން ބައިވެރިވެއެވެ.

މި މުބާރާތަކީ އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން ރޭގަ ފަށާފައިވާ މުބާރާތަކެވެ. އިތުރު ބަދަލުތަކާއި އެކު މިއަހަރުގެ މުބާރާތުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކާ އެއްގޮތަށް މުބާރާތް އަލުން ފަރުމާކޮށްފައި އެވެ.

އަދި މުބާރާތުގައި އިންސާފު ކުރަން ނިންމާފައި ވަނީ އަންހެން އަދި ފިރިހެން ވަކިންނެވެ. މުބާރާތުގެ ދެ ގޮފީގެ ކޮންމެ ބައެއްގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވާއިރު މުބާރާތުގައި ބައިވެރިކުރުމަށް މަދުވެގެން ވަކި އަދަދެއް ކަނޑައަޅާފައެއް ވެސް ނުވެއެވެ.

މީގެ އިތުރުން ކުމުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރައެއް ކަނޑައަޅާފައި އޮންނަ އޮތުން ވަނީ އުވާލައިފައި އެވެ. އަދި މިއަހަރުގެ މުބާރާތުގައި އޮންނާނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ކޮންމެ ގޮތްޕަކުން ތިން ކެޓަގަރީ އަކުން ބައިވެރިންނަށް ބައިވެރިވެވޭ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ހިތުން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވަން ހަމަޖެހިފައިވާއިރު، ކޮންމެ ގޮތް ޕަކުން އެންމެ ރަނގަޅު އަންހެން އަދި ފިރިހެން ދަރިވަރު ހޮވާނެ އެވެ.

މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު ސިޓީ ނުވަތަ އަތޮޅު އަދި ޖަމިއްޔާއަށާއި ކޮންމެ ގޮތްޕަކުން ވެސް އެންމެ މޮޅު އަންހެން އަދި ފިރިހެން ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355