twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކާޑުގެ ބާވަތްތައް ކުރީގެ އަގަށް ބަދަލުކޮށްދިނުމަށް ހދ އަތޮޅު ކައުންސިލުން ސަރުކާރަށް ގޮވާލައިފި

Oct 3, 2016

ކާޑުގެ ބާވަތްތައް ކުރީގެއަގަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ހދ އަތޮޅު ކައުންސިލުން ނޫސް ބަޔާނެއް ނެރެފި އެވެ.

މިއަދު އެކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކަރަންޓުގެ ހިދުމަތަށް ނަގާ އަގު އިންތިހާއަށް ބޮޑުކުރައްވައި ރައްޔިތުން ނިކަމެތިވެފައިވާ ދަނޑިވަޅެއްގައި ދިވެހި ރައްޔިތުން އާއްމުކޮށް ކެއުމަށް ބޭނުންކުރާ އަސާސީ ބާވަތްތައ ސަރުކާރުން ދޭ ސަބްސިޑީ ކަނޑާލާ އަގު ދެގުނަ ބޮޑުކުރުމަކީ މިހާރުވެސް ރައްޔިތުންނަށް ލިބިފައިވާ ނިކަމެތިކަމުގެ މައްޗަށް ލިބޭ އިތުރު ނިކަމެތިކަމެއް ކަމަށް ކައުންސިލުން ދެކޭކަމަށާއި ގާނޫން އަސާސީން ދިވެހި ދައުލަތައް ލާޒިމުކުރާ އަސާސީ ހިދުމަތްތަކާއި ތަކެތި ވިޔަފާރިއުޞޫލުން ދައުލަތަށް ޢާއްމުދަނީ ހޯދުމުގެގޮތުން ބޮޑުއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ގާނޫން އަސާސީގެ ފުރަތަމަ ބާބުގެ ހަތަރުވަނަ މާއްދާއާއި މުޅި ޤާނުނު އަސާސީއާއި ހިލާފުކަމެއް ކަމަށެވެ.

މީގެ އިތުރުން މި ބަޔާނުގައި ވަނީ ހދ.އަތޮޅަކީ ރާއްޖޭގައި ޓޫރިޒަމްނެތް ހަމަކަނި އަތޮޅަށްވެފައި ވަޒީފާގެ ފުރުސަތު އެންމެ މަދު އަތޮޅަށް ވީހިނދު ނިކަމެތި ރައްޔިތުން ކެއުމަށް ބޭނުންކުރާ އަސާސީ ބާވަތްތައް އަގު ބޮޑުވުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ އިގްތިޞާދީ އަދި އިޖްތިމާއީ އެތަކެއް މައްސަލަތަކެއް ނުކުންނާނެ ކަމެއްކަމަށެވެ.

ބޮޑު އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ނެގުމުގެ ބަދަލުގައި ރައްޔިތުންގެ ކާއެތިކޮޅަށް އަތް ބޭނުމަކީ ނިކަމެތިން އިތުރަށް ނިކަމެތިވެ މުއްސަނދިން އިތުރަށް މުއްސަނދިވެ ހަމަހަމަކަން ނެތިގޮސް މުޖްތަމަޢު ހަލާކުވެދާނެ ކަމެއްކަމަށް މިކައުންސިލުން ދެކޭހިނދު ސަރުކާރުން ކުރައްވާ އިސްރާފުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ރައްޔިތުންގެ އަތުން ހޯދުމަށް މިފަދަ ޖަރީމާ ނުހިންގުމަށް ދިވެހި ސަރުކާރަށާއި، އިކޮނޮމިކް ކައުންސިލަށް އަދި ކަމާބެހޭ އެންމެހާ ފަރާތްތަކަށް މި ނޫސް ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ. މިފަދަ ދަނޑިވަޅެއްގައި ކަރަންޓާއި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރެއްވުމަކީ ދިރިއުޅުމަށް އިތުރު ބުރަކަމެއް ގެނުވާނެކަމަކަށް ވީހިނދު ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލުމަކީ އިންސާނީ ފިތުރަތުގެގޮތުން ވުން ކައިރިކަމެއް ކަމަށްވެސް މި ބަޔަނުގައި ވެއެވެ.

އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް، ތާރީހުގައިވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައިވާ ހިނދު ކަރަންޓުގެ ހިދުމަތުގެ އަގަށާއި ކާޑުގެ ބާވަތްތަކުގެ އަގަށް ސަރުކާރުން ގެންނެވި ބަދަލު އަނބުރާ ގެންދަވައި ކުރީގެ އަގަށް ބަދަލުކޮށްދެއްވުމަށް ދިވެހި ސަރުކާރަށާއި އިކޮނޮމިކް ކައުންސިލަށް އަދި ކަމާބެހޭ އެންމެހާ ފަރާތްތަކަށް ވަނީ ކައުންސިލުން ގޮވާލާފަ އެވެ.

މީގެ އިތުރުން ރައްޔިތުންގެ ބަސް ސަރުކާރުން އަޑުއައްސަވައި އެކަށީގެންވާ އިޖާބައެއް ނުދެއްވައިފި ހިނދެއްގައި މުޅި އަތޮޅު މަދަނީ ބަސްނޭހުމަށް ދާންޖެހިދާނެކަން މި ބަޔާނުގައި ވަނީ ބުނެފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355