ކަރަންޓާއި ކާޑުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން އެތަކެތީގެ އަގު ބޮޑުވެފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް ހދ އަތޮޅުގެ ހުރިހާ ރަށެއްގައި ސުލްހަވެރި މުޒާހަރާތަކެއް ކުރުމަށް އެއަތޮޅު ކައުންސިލްގެ ރައީސް ގޮވާލައިފި އެވެ.
އެގޮތުން އަންނަ ހުކުރު ދުވަހު އަތޮޅުގެ ހުރިހާ ރަށެއްގައި އަޑުއުފުލުމަށް ވަނީ ގޮވާލާފަ އެވެ.
ހދ އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އިބުރާހިމް ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ކަރަންޓަށާއި ކާޑުގެ އަގަށް ސަރުކާރުން ދާދި ފަހުން ގެނައި ބަދަލާ ގުޅިގެން އޭގެ ސީދާ އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ފޯރަމުންދާ ކަމަށެވެ.
އަދި އެހެން އަތޮޅުތަކާ ހިލާފަށް ހދ އަތޮޅަކީ ވަޒީފާގެ ފުރުސަތު ނެތް އަތޮޅެއްކަމުން ސަރުކާރުން މިގެނައި ބަދަލުގެ ސަބަބުން ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަމްދާއިރާގެ ގޮނޑިވެސް ތަމްސީލްކުރައްވާ އަހުމަދު ވިދާޅުވީ މިއަޑުއުފުލުންތަކުގައި އެއްވެސް ޕާޓީއެއް ތަމްސީލުވާ ފަދަ ކުލައެއް ދިދައެއް އަދި ނިޝާނެއްވެސް ނުގެންގުޅުމަކީ ވަރަށް ބޮޑު އެދުމެކެވެ.