ސަރުކާރުން ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން އެކަމާއި ބެހޭގޮތުން ބަޔާން ނުނެރުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކައުންސިލްތަކަށް އަންގައިފި އެވެ.
އެލްޖީއޭއިން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސަރުކާރުން ދެމުން ގެންދިޔަ ކާޑުގެ ސަބްސިޑީ ކޮންޓްރޯލްކުރުމާ ގުޅިގެން ކައުންސިލް ބައްދަލުވުންތަކުގައި އެކަމަށް މަޝްވަރާކުރުމަށް އެޖެންޑާކުރުމާއި އެކަމާ ގުޅިގެން ނޫސް ބަޔާންތައް ނެރުމަކީ ކައުންސިލްތަކުގެ އިހްތިސާސް ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާއި ދެކޮޅު ހެދުމާއި ހިތްހަމަނުޖެހުން ފާޅުކޮށް އެފަދަ ނިންމުންތައް ނިންމުމުގެ ގާނޫނީ ބާރު ކައުންސިލްތަކަށް ލިބިފައިނުވާ ކަމަށާއި ދައުލަތުގެ އިގްތިސޯދީ ހާލަތަށް ބަަލައި ސަރުކާރުން ނިންމަވާ މިފަދަ ނިންމެވުންތަކަށް ޖަދަލުކޮށް ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިގެންވާ ގާނޫނީ ބާރެއް ނޫން ކަމަށްވެސް މި ސާކިއުލާގައި ވެއެވެ.
އެލްޖީއޭއިން ސާކިއުލާ ނެރެފައިވާއިރު ހދ އަތޮޅު ކައުންސިލުންނާއި ހދ މަކުނުދޫ ކައުންސިލުން ވެސް ވަނީ ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާން ނެރެފައެވެ. އަދި ބައެއް ކައުންސިލްތަކުން ކައުންސިލްގެ ބަޖެޓުން ރައްޔިތުންނަށް ކާޑު ސަބްސިޑީ ދިނުމަށް ވެސް ވަނީ ނިންމާފައިވެ އެވެ.