ކުރިއަށްއޮތް ކައުންސިލް އިންތިހާބުގައި ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް މިފަހަރުވެސް ވާދަ ކުރާނެކަމަށް ކައުންސިލް މެންބަރު އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އާތިފް މިހެން ވިދާޅުވީ މިއަދު ފޭސްބުކްގައި ކުރެއްވި ސްޓޭޓަސްއެއްގަ އެވެ. މީގެ އިތުރުން ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެކަން އާތިފް ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.
މިހާރުވެސް އާތިފް ފުރުއްވަމުން ގެންދަވަނީ ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނުދާއިރާގެ ގޮނޑި އެވެ.
ކުރިއަށްއޮތް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖެނުއަރީ 14 ގަ އެވެ.
އެގޮތުން މިފަހަރު ޖުމުލަ 259 ކައުންސިލަކުން 651 ކައުންސިލަރުން ހޮވުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި 179 ރަށު ކައުންސިލުން 561 ކައުންސިލަރުން އަދި 19 އަތޮޅު ކައުންސިލުން 57 ކައުންސިލަރުން ހޮވުމަށް ވަނީ ނިންމާފައެވެ. ފުވައްމުލަކާއެކު ތިން ސިޓީ ކައުންސިލަކުން 23 ކައުންސިލަރުން ހޮވުމަށްވެސް ވަނީ ނިންމާފައެވެ.