ގައުމީ ޔުނިވަރސިޓިގެ ކުޅުދުއްފުށީ ކެމްޕަހުގައި މިއަންނަ ޖެނުއަރީ މަހު އަލަށް ނޫސްވެރިކަމުގެ ކޯހެއް ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދެއަހަރު ދުވަހަށް 4 ސެމިސްޓާއަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ކޯސްގެ ކުޅުދުއްފުށީގެ އިތުރުން މާލެ އަދި ގދ.ދިނަދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ކުޅުދުއްފުށި އަދި ތިނަދޫގައި ކޯސްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބްލޮކް މޯޑަށެވެ. މާލޭގައި ކޯސް ކުރިއަށް ދަނީ ފުލްޓައިމްކޮށެވެ.
ނޫސްވެރިކަމުގެ ޑިޕްލޮމާ ލެވެލްގެ މި ކޯސް ފަރުމާ ކުރެވިފައި ވަނީ ދިވެހިރާއްޖޭގައި ޒިންމާދާރު ނޫސްވެރިން އުފެދުމުގެ އިތުރުން ތަފާތު މީޑިއާތަކުގައި މަސައްކަތް ކުރުމުގެ ހުނަރުތަައް ދަސްކޮށްދިނުމުގެ ބޭނުމުގަ އެވެ. މި ކޯސް ފުރިހަމަ ކުރުމުން މީޑިއާގެ އެކި ވަސީލަތްތައް ފޯރުކޮށްދޭ ފަރާތަކުން ވަޒީފާގެ ފުރުސަތުތަށް ހޯދުމުގެ ގާބިލުކަން ލިބިގެންދެ އެެވެ.
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑަކީ ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިމްތިހާނުތަކުން ދިވެއްސާއި އެކު 3 މާއްދައިން ފާސްވެފައިވުން އަދި އުމުރުން 18 އަހަރުވެފައިވުމާއި ގުރޭޑް 10 އެއް ނިންމާފައިވުން އަދި ގުޅުން ހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސަައްކަތު ތަޖުރިބާ ލިބިފައިވުން އަދި ފެކަލްޓީންދޭ ހާއްސަ އިމްތިހާނަކުން ފާސްވެފައި ވުމެވެ.
މި ކޯހަށް ކޮންމެ ކެމްޕަހަކުންވެސް ޖާގަ ދެވިގެންދާނީ 15 ދަރިވަރުންނަށެވެ.