twitterviber whatsapp telegramfacebookyoutube instagram
20th May 2025

ކުޅުދުއްފުށީ ޕޯޓްގެ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް، އެއާއެކު މުސާރައިގެ ކުރިއެރުން ލިބޭނެ

Oct 15, 2016

ކުޅުދުއްފުށީ ޕޯޓްގެ ތަރައްގީއަށް ސަރުކާރުން މަޝްރޫއުތަކެއް ކުރިއަށްގެންދަމުންދާ ކަމަށާއި އެއާއެކު މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ލިބޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

ވަޒީފާއަދާކުރާތާ 11 އަހަރުވީ އިރުވެސް މުސާރައިގެ ކުރިއެރުން ނުލިބި އަސާސީ ހިދުމަތްތަކުގެ އަގު ބޮޑުވުމުންނާއި އެމްޕީއެލްގައި ދަށުގައި އޮންނަ 3 ޕޯޓްގައި މުސާރައިގެ ތަފާތުކުރުން ގެންގުޅޭތީ ކުޅުދުއްފުށީ ޕޯޓްގެ މުވައްޒަފުން ވަނީ ބުރާސްފަތި ދުވަހު ރަސްމީ ގަޑިއަށްފަހު މަސައްކަތް ހުއްޓާލާފައި ގެއަށް ގޮސްފަ އެވެ.

އެކަން ހައްލުކުރުމަށް އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވަނީ 40 ހަކަށް މުވައްޒަފުން މާލެއިން ގޮވައިގެން ކުޅުދުއްފުއްޓަށް އައިސްފަ އެވެ. މަޝްވަރާއަށް ފަހު މުވައްޒަފުން ވަނީ މަސައްކަތައް ނިކުންނަށް ނިންމާފަ އެވެ.

ކުޅުދުއްފުށީގައި ހުންނަވައިގެން ކޭއޯއަށް ދެއްވި އިންޓަވިއުގެ ޖުނައިދު ވިދާޅުވީ ކުޅުދުއްފުށި ޕޯޓް ހިންގަމުންދަނީ ގެއްލުމާއެކު ކަމަށެވެ. ގެއްލުމާއެކު ހިންގަމުންދަނިކޮށް މުސާރައިގެ ކުރިއެރުން ނުދެވޭނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ ކުޅުދުއްފުށީ ޕޯޓް ތަރައްގީކޮށް ފައިދާވާނެ ތަނަކަށް ހެދުމަށް ރައީސް ޔާމިންގެ ސަރުކާރުން މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ ޕޯޓަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި މިހާރު ވެސް 22 ކޮޓަރީގެ ގެސްޓް ހައުސްއެއްގެ މަސައްކަތް ކުރަމުން އަންނަކަންކަމަށާއި ގެސްޓް ހައުސްއާއެކު ރެސްޓޯރެންޓެއްވެސް ހުޅުވިގެންދާނެ ކަމަށެވެ.

އަދި އެތަނުގެ ބިންމުގައި ގުދަންތަކެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު ސިލިޕްވޭ އެއް ހެދުމަށްވެސް ހަމަޖެހިފައިވާކަން ޖުނައިދު ހާމަކުރެއްވި އެވެ.

ޖުނައިދު ވިދާޅުވީ ބަނދަރަށް ލޭންޑިންގ ކުރާފްޓް ހޯދައި ކުޅުދުއްފުށީ ޕޯޓްގައި ވެސް ކުލިއަރިން ޕޮއިންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އާމުދަނީ އިތުރުކުރުމަށްޓަކައި ގެންނަ ބަދަލުތައް 3 މަސް ތެރޭގެ ފެންނަށް ފަށާނެކަމަށް ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ އާމުދަނީ އިތުރުވެ ފައިދާވާ ފެށުމުން މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355