ހިއްސާގެ ބާޒާރަށް ނުކުންނަ ފުރަތަމަ ރާއްޖެގެ ފުރަތަމަ ޕްރައިވެޓް ކުންފުންޏަށް އިނިޝަލް ޕަބްލިކް އޮފަރިންގ (އައިޕީއޯ) އަށް ބޭންކް އޮފް މޯލްޑިވްސްއިން އެހީތެރިކަން ދޭން ފަށައިފި އެވެ.
އެގޮތުން ސެންޗޫރިއަން ޕީއެލްސީ އާ އެކު ކަލެކްޓިންގ ބޭންކް ނުވަތަ ގަންނަ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކުގެ ގޮތުގައި ބީއެމްއެލް އިން މިއަދު އެގްރީމެންޓްގައި ސޮއި ކޮށްފަ އެވެ.
ސެންޗޫރިއަން ޕީއެލްސީގެ ހިއްސާ ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، ހާއްސަ އޮންލައިން ޕޯރޓަލް އެއް މެދުވެރިކޮށް އާންމުންނަށް ހިއްސާ ގަނެވޭނެ އިންތިޒާމް ބޭންކުންވަނީ ހަމަޖައްސާފައެވެ.
އެގޮތުން ހިއްސާގެ ބާޒާރުގައި ސެންޗޫރިއަން ޕީއެލްސީ ލިސްޓްކުރެވިގެން ދިޔުމަކީ ކުންފުނީގެ ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް ބޭނުންވާ ކެޕިޓަލް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި ގައުމުގެ އިގްދިސާދު ކުރިއެރުވުމުގައި ހިއްސާގެ ބާޒާރު މުހިންމު ދައުރެއް އަދާކުރާ އިރު މިއީ ކުންފުނިތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އޮތް ރަނގަޅު މަގެއް ކަމަށް ބޭންކުން ވިދާޅުވި އެވެ.
ސެންޗޫރިއަން ޕީއެލްސީ އަކީ ޝިޕިންގ އަދި ލޮޖިސްޓިކް އެންމެހާ ހިދުމަތްތައް ދޭ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.