ރައްކާތެރި ބޯފެން ރައްކާތް ކުރާ ނިޒާމް އަންނަ އަހަރު ކުރިނބީގައި ގާއިމްކުރެވިގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެރަށުގެ ބަނދަރު އިފްތިތާހްކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ހދ އަތޮޅުގައި ރައްކާތްތެރި ގޮތުގައި ބޯފެން ރައްކާތްކުރުމުގެ ނިޒާމް ގާއިމް ކުރާ ރަށްތަކުގެ ތެރޭގައި ކުރިނބީ ހިމެނޭ ކަމަށެވެ.
އެމަޝްރޫއު އަންނަ އަހަރު ފެށި އޭގެ ފަސޭހަކަން ހަމަ އެއަހަރު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިނބީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް 800 ކިލޯވޯޓްގެ ޖަނަރޭޓަރެއް އަންނަ އަހަރު އެރަށަށް ގެނައުމަށް ހަމަޖެހިފައިވާ ކަން ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ.
ކުރިނބީ ބަނދަރުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިރުން ހަކަތަ އުއްފަދާ ނިޒާމް ގާއިމްކުރާ ރަށްތަކުގެ ތެރޭގައިވެސް ކުރިނބީ ހިމެނޭ ކަމަށެވެ. އަދި އެމަޝްރޫއުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވި އެވެ.
ހދ އަތޮޅަށާއި ށ އަތޮޅުގެ ރަށްށަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅު ނިންމަވާލާނީ މާދަމާ އެވެ.