ކުޅުދުއްފުށީ އެއާޕޯޓް ނޭޅިފައިވަނީ ކުރީގެ ކައުންސިލް އެއްބާރުލުން ނުދެއްވީމަކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވުމުގެ އެކަން ކުށްވެރިކޮށް ކައުންސިލުން ނޫސްބަޔާނެ ނެރެފި އެވެ.
ހދ ހިރިމަރަދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓު ހަދަން އެންމެ ފުރަތަމަ އުޅުނު އިރު ކައުންސިލްގެ ފަރާތުން ތަރުހީބެއް ނުލިބުނު ކަމަށާއި އެއްބާރުލުން ލިބުނު ނަމަ އެއާޕޯޓުގެ މަސައްކަތް މިހާރު އޮތީހީ ނިމިފައި ކަމަށެވެ.
ރައީސްގެ މިވާހަކަތައް ކައުންސިލް ދޮގުކުރެ އެވެ. ކައުންސިލްގެ ފަސް މެމްބަރަކު ސޮއެކޮށް މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މި ސަރުކާރުން ވެރިކަމަށް އައި ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އޮތީ އެހެން ކައުންސިލެއް ކަމަށާއި އެ ކައުންސިލުން ވެސް އެއާޕޯޓު އެޅުމަކަށް ދެކޮޅެއް ނުހަދައި ކަމަށެވެ. އަދި ކަމާ ގުޅުން ހުރި އިދާރާތަކަށް ފޮނުވި ލިޔެކިއުންތަކުން އެކަން ޔަގީންވާ ކަމަށް ބަޔާނުގަ ވެ އެވެ.
ރައީސް ޔާމީން ވައުދުވެވަޑައިގަން އެއާޕޯޓްގެ ވައުދާއެކު، އެ އެއާޕޯޓް ފުރަތަމަ 2 އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެޅުމަށް އޭރުގެ ކައުންސިލުންނާއި މިހާރުގެ ކައުންސިލްވެސް ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިން ކަމަށެވެ. އެގޮތުން ކުޅިން ސާމްޕަލް ނަގައި މާލޭ ފޮނުވުމާއި އެސަރަހައްދުގެ ގޯތި ގެދޮރުގެ ތަފްސީލްތައް މާލެ ފޮނުވިކަމަށެވެ.
“ރައީސުލް ޖުމްހޫރިއްޔާ ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުތަކުގައި ވާހަކަފުޅުގެ ރަހަމީރުކޮށްލެއްވުމުގެ ގޮތުން މިފަދަ އިބާރާތްތަކުން ވާހަކަފުޅު ދެއްކެވުމަކީ ކުޅުދުއްފުށީ ރައްޔިތުންނަށް އެތައް އޮޅުންތަކެއް އަރައި މިކައުންސިލްއަށް ނުހަނު ގިނަ ފާޑުކިޔުންތަކަކާއި ރައްޔިތުންގެ ނަފުރަތުތަކެއް ކުރިމަތިވަމުންދާ ހާލަތެއްކަމުން މިކަން ހިނގާފައިވަނީ ރައީސް ތިޔަ ވިދާޅުވި ގޮތަށް ނޫންކަން ސާފުކޮށްދެއްވުމަށްޓަކައި ކައުންސިލުން މިނޫސްބަޔާން ނެރެ”
ބަޔާން ނިންމާލަމުން ބުނެފައިވަނީ ކުޅުދުއްފުށިގައި އެއާޕޯޓް ނޭޅި ލަސްވަނީ ކައުންސިލްގެ ސަބަބަކުން ނޫން ކަމަށާއި އެކަން ލަސްވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ލަސްކުރެވިފައިވާ އެއާޕޯޓްކަން ރައްޔިތުންނަށް ސާފުކޮށްދެއްވާ ކަމަށެވެ.