twitterviber whatsapp telegramfacebookyoutube instagram
19th May 2024

އަންނަ އަހަރު މަކުނުދޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގަން ރައީސް ނިންމަވައިފި

Oct 26, 2016

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން މިއަދު ހދ މަކުނުދޫއަށް ވަޑައިގެން އަންނަ އަހަރު އެރަށުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ހދ އަދި ށ ރައީސް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުން މިއަދު މެންދުރުވަނީ ރާއްޖޭގެ އެންމެ ހުޅަނގު ބިތުގައި އޮންނަ މަކުނުދޫގެ ބަނދަރާއި މިސްކިތް ހުޅުއްވައިދެއްވާފަ އެވެ.

މަކުނުދޫ ރައްޔިތުން ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންނަ އަހަރު ކާޑަށް ދަތިނުވެ ކާޑު ރަށުން ލިބޭނެ ގޮތް (އެސްޓީއޯގެ ފިހާރައެއް) ގާއިމްކޮށްދެއްވާނެ ކަމާއި މީރު ފެން އުއްފަދާ އާރޯ ޕްލާންޓެއްވެސް 2017 ވަނަ އަހަރު ނިމުމުގެ ކުރިން ގާއިމްކޮށްދެއްވާނެ ކަމަށެވެ.

2000 ރައްޔިތުން ދިރިއުޅޭ މަކުނުދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއަދުން ފެށިގެން ކުޅުދުއްފުއްޓާއި މަކުނުދޫއާ ދޭތެރޭ ފަށާ ގަތުމަށް ހަފްތާއަކު 1 ފެރީ އެމްޓީސީސީން ބާއްވާދޭނެ ކަމަށާއި އަންނަ މަހުން ފެށިގެން މަކުނުދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކުރާނެ ކަމަށެވެ.

މާސިންގާ ފަޅެއް ލިބިފައި އޮންނަ މަކުނުދޫގެ ފަޅުން ރިސޯޓެއް ހެދުމުގެ ދިރާސާ ކުރާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވި އެވެ. އަދި އަންނަ އަހަރު ރާއްޖޭގައި އަލަށް ފަށައި އެންވެރިކަން އާލާކުރާ މަޝްރޫއު ހިންގާނެ އެއް ސަރަހައްދަކީ މަކުނުދޫގެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މަކުނުދޫގެ ނަރުދަމާ ހިދުމަތްވެސް ގާއިމްކޮށްދެއްވާނެ ކަމަށާއި އިރުން ހަކަތަ އުއްފަދާ މަސްރޫއުގެ ތެރޭގައި މަކުނުދޫ ހިމެނޭ ކަމަށާއި އެކަންތައް 2017 ގެ ކުރިން ގާއިމްކުރާނެ ކަމަށެވެ.

މަކުނޫދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމުގެ ގޮތުން އަންނަ އަހަރު ބަޖެޓްގައި ހިމަނައިގެން 10 ކުލާސް ރޫމްގެ އިމާރާތެއް އަޅައި އެ ކުލާސް ރޫމްތަކުގެ ބޭނުން 2017 ނިމުމުގެ ކުރިން ބޭނުން ހިފޭވަރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މަކުނުދޫއަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރު އެރަށުގައި މަސްމާރުކޭޓަކާއި އައިސް ޕްލާންޓެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ކަރަންޓްގެ ފެންވަރު ރަނގަޅުކުރުމަށް ހިންގާ މަޝްރޫއުއެއްވެސް އަންނަ އަހަރު މަކުނުދޫގައި ކުރިއަށްދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ. މަކުނުދޫއަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355