އަންނަ އަހަރު ލަފާކޮށް މިއަދު ރައްޔިތުން މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ކުޅުދުއްފުށީ އަދި ށ ފުނަދޫ އެއާޕޯޓްގެ ބިން ހިއްކުން ބަޖެޓްގައި ހިމަނައިފި އެވެ.
އަންނަ އަހަރު ރާއްޖޭގައި ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި މި ދެ އެއާޕޯޓްގެ ބިން ހިއްކުން ބަޖެޓްގައި ހިމަނާފައިވާއިރު ކުޅުދުއްފުށީ އެއާޕޯޓް އަޅަން ސަހަރައްދުގެ ބިން ހިއްކުމަށް 157 މިލިއަން ވުރެ ގިނަ ރުފިޔާ ހިމަނާފައިވާއިރު ށ ފުނަދޫ އެއާޕޯޓްގެ ބިން ހިއްކުމަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓްގައި ހިމަނާފައިވެ އެވެ.
މި ދެ މަޝްރޫއުގެ ބިން ހިއްކުމަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނާފައިވާއިރު ހދ އަދި ށ އަށް ރައީސް ޔާމީން ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާ، ހިދުމަތްވެސް ދޭން ފަށާނެ ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓް އަޅަން ހަމަޖެހިފައިވަނީ އުތުރުކޮޅުގެ ކުޅިން ބައެއް ހިއްކައިގެންނެވެ. ށ ފުނަދޫގައި އެއާޕޯޓް އަޅަނީ ފަރުކޮޅުގަ އެވެ.