ދައުލަތަށް އާމްދަނީ އިތުރުކުރަން އަންނަ އަހަރުން ފެށިގެން ސިނގިރޭޓާއި އެނާޖީ ޑްރިންކްސްގެ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.
އެގޮތުން ސިނގިރޭޓަކުން 1.75ރ. އަދި ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުން 20 ޕަސެންޓްގެ އެޑްވެލޮރަމް ޓެކްސްއެއް ނަގަން ވަނީ ނިންމާފަ އެވެ.
މިއަދު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ސިނގިރޭޓަކުން ނަގާ ޓެކްސް 1.75ރ. އަށް ބޮޑުކޮށްގެން 200 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެންމެ އަގު ބޮޑު އެނާޖީ ޑްރިކުގެ ދަޅަކުން ވެސް އެ އުސޫލުން ޑިއުޓީ ނަގައިފި ނަމަ ދައުލަތަށް އަހަރަކު 15 މިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.
އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރުމުން، މިހާރު އެންމެ ގިނަ ބަޔަކު ބޭނުންކުރާ ރެޑްބުލް ދަޅަކުން ގާތްގަނޑަކަށް އެއް ރުފިޔާ އަދި އެކްސެލް ދަޅަކުން ވެސް ރުފިޔާއެއް ބޮޑުވާނެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 19 މިލިއަން އެނާޖީ ޑްރިންކް ދަޅު އެތެރެކޮށްފައިވެ އެވެ. އެއިން ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 15 ޕަސެންޓެވެ.