ކުޅުދުއްފުށީ އުތުރުކޮޅު ކުޅި ކައިރީގައި އޮންނަ ކަރިންބެ ރުއްގަނޑު ސަރަހައްދު ހިތްގައިމު ތަނަކަށް ބަދަލުކޮށް “އާރާމް ބަގީޗާ”ގެ ނަމުގައި މިއަދު ހުޅުވައިފި އެވެ. މިތަން ހުޅުވައިދެއްވީ ކުރީގެ ބޮޑު ކަތީބު މޫސާ އަލީ އެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެތަން ރީތިކޮށް ކުޑަކުދިންނާއި ގުޅޭ މާހައުލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިންނެވެ. މިތަން ހެދުމުގައި އިސްކޮޅު އުޅުނު ހަމްޒާ ބުނީ އެތަން ރީތިކުރުމުގައި ގިނަ ރައްްޔިތުންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަމަށެވެ.
އަދި އެތަން ހެދުމަށް އަމިއްލަ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދިން އިރު އެތަނުގައި މަސައްކަތް ކުރި މީހުންގެ އަމިއްލަ ޖީބުންވެސް ހަރަދުކޮށްފައި ހުންނާނެ ކަމަށެވެ. ގިނަ ވިޔަފަރިވެރިންތަކެއް ރަށުގައި އޮތް ނަމަވެސް އެފަދަ ތަނެއް ހެދިއިރު އެއްވެސް ވިޔަފާރިވެރިއެއްގެ ފަރާތުން ފައިސާގެ އެހީތެރިކަން ލިބިފައިނުވާކަން އޭނަ ފާހަގަކުރި އެވެ.
ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މޫސާ އަލީ ވިދާޅުވީ ބަގީޗާއަކީ ފެންވަރުގެ ތަނެއް ކަމަށާއި ސަރުކާރުން އެތަން ބަލައިގަތުމަށް އެދިލެއްވި އެވެ.
ބަގީޗާ މިއަދު ހަވީރު ހުޅުވިއިރު ކުޑަކުދިން ކުޅޭނެ ސާމާނާއި ބާބަކިއު އޭރިޔާއެއްގެ އިތުރުން މީހުން އައިސް މަޑުކޮށްލަން ތިބޭ ގޮތަށް އުނދޯޔާއި ޖޯލިފަތި ހަރުކޮށްފައިވާ އިރު ނަމާދުުރާނެ ތަނެއް ވެސް ހުރެ އެވެ.
ކުޑަކުދިންގެ ހަވީރާއެކު ބަގީޗާ ހުޅުވިއިރު ކުޑަކުދިންގެ ހަވީރު ސްޕޮންސަރކޮށްފައިވަނީ އާޕޮއިންޓް ނެވެ.