twitterviber whatsapp telegramfacebookyoutube instagram
21st May 2025

އެމްޑީޕީ ކައުންސިލަރުން ހޮވަންވީ ސަރުކާރުގެ “ގޯސް” ސިޔާސަތުތަކަށް ނޫނެކޭ ބުނުމަށް

Nov 13, 2016

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކައުންސިލެއް ހޮވަންވީ ސަރުކާރުން ހިންގާ ރައްޔިތުންނާ ދެކޮޅު ސިޔާސަތުތަކަށް ނޫނެކޭ ބުނުމުގެ ގޮޮތުންކަމަށް ހދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ. ލަތީފަކީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާ ބޭފުޅެކެވެ.

ކުޅުދުއްފުށީ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ ރައްޔިތުންނަށް އަނިޔާވެރިވުމުގައި ހައްދުފަހަނަ އަޅައިފައިވާ ސަރުކާރެއްކަމަށެވެ. އަދި ކައުންސިލަރުންނާއި ރައްޔިތުން ފެއިލްކޮށްލުމަށް ސަރުކާރުން އިންތިހާއަށް މަސައްކަތް ކުރާ ކަމަށް ލަތީފް ވިދާޅުވި އެވެ.

“މިއަދާ ހަމައަށް ފެނިގެން މިދަނީ ތަކެތީގެ އަގު ބޮޑުކުރުމާއި އެއްދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެން ފަހަތަށް ދާނެހާ ގޮތްތަކަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަމުންދާތަން” ލަތީފް ވިދާޅުވި އެވެ.

ސަރުކާރުގެ ކެނޑިޑޭޓުން ފެއިލްކޮށްލައި އިދިކޮޅު ހުރިހާ ކެނޑިޑޭޓް އިންތިހާބު ކާމިޔާބުކޮށްދިނުމަށްޓަކާ ހުރިހާ ރައްޔިތުން މަސައްކަތް ކުރަން އޭނާ އެދިލެއްވި އެވެ. “އެހެން އެކަން ވެއްޖެނަމަ ސަރުކާރަށް އެދެންނެވުނީ ސަރުކާރުގެ ސިޔާސަތުތަކަކީ އަޅުގަނޑުމެން ބަލައިގަންނަށް ސިޔާސަތުތަކެއް ނޫނޭ” ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ކާޑުގެ އަގު ބޮޑުކުރުމާއި ސްކޫލުތައް ދެ ދަންފަޅިއަށް ބަދަލުކުރުމާއި ކުރިން އާސަންދައިން ލިބުނު ގިނަ ބޭސްތަކެއް މިހާރު ގަންނަ ޖެހި ސަރުކާރު ފަހަތަށް ޖެހިފައިވާ ކަމަށެވެ.

ކައުންސިލަރުން ފެއިލް ކޮށްލުމަށްޓަކާ ސަރުކާރުން ދަނީ ގިނަ ދޮގުތަކެއް ހަދަމުންކަމަށާއި ކައުންސިލަރުންނާ ހެދި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކެއް ނުހިންގޭކަމަށް ބުނެ އޮޅުވާލަމުންދާކަމަށް ލަތީފް ވިދާޅުވި އެވެ. ލަތީފު ވިދާޅުވީ ހދ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލަކީ ސަރުކާރަށް އެއްބާރުލުމުގައި ނަމޫނާ ކައުންސިލެއް ކަމަށާއި އެކަން ސީދާ ރައީސް ޔާމީންވެސް ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފަވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355