އަވައްޓެރި ސްރީލަންކާގައި ހިނގި އެކްސިޑެންޓެއްގައި ކުޅުދުއްފުށީ މީހަކާއި އޭނާގެ 3 އަހަރުގެ ދަރިފުޅު ނިޔާވެއްޖެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެކްސިޑެންޓްގައި ނިޔާވެފައިވަނީ ކުޅުދުއްފުށީ، ބަބޫގެ ހަސަން އަލީ (29އ) އާއި އޭނާގެ އުމުރުން 3 އަހަރުގެ އަންހެން ދަރިފުޅެވެ.
ހަސަން އަލީގެ ގާތް މީހަކު ކޭއޯއަށް ބުނީ އޭނާ އާއިލާއާ އެކު ލަންކާއަށް ބަދަލުވެފައިވަނީ މީގެ 2 އަހަރެއްހާ ދުވަސް ކުރިންކަމަށާއި އޭނާ އެތަނުގައި ވަޒީފާ އަދާކުރަނީ ޕިކަޕް ޑްރައިވަރެއްގެ ވަޒީފާކަމަށެވެ.
އެކްސިޑެންޓްވީ އާއިލާ ގޮވައިގެން ޕިކަޕްގައި ނިކުމެ އުޅެނިކޮށް ކަމަށާއި އެކްސިޑެންޓްގައި ހަސަންގެ އަންހެނުންނާއި ހަގު ދަރިފުޅު ސަލާމަތްވި ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާ ގުޅިގެން ލައްކާގައި ހުންނަ ދިވެހި އެމްބަސީއަށާއި ފޮރިން މިނިސްޓްރީއަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް މިނޫހުން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ. ކުޅުދުއްފުށީ ކައުންސިލުން ބުނީ ހަސަންގެ މަރާގުޅޭ އެއްވެސް ރަސްމީ މައުލޫމާތެއް ކައުންސިލަށް އެނގިފައިނުވާ ކަމަށެވެ.