ލޯފަން ކުދިންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމިއްޔާއަށް ކޮންފަރެންސް ކޯލް ކުރުމުގެ ހިދުމަތް ދިރާގުން މުޅިން ހިލޭ ފޯރުކޮށް ދިނުމަށް ނިންމައި އެމް.އޯ.ޔޫގައި ސޮއި ކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ދިރާގުގެ ސީ.އީ.އޯ، އެމް.ޑީ އިސްމާޢީލް ރަޝީދު އަދި ސީ.އެމް.އޯ އިޒަބެލް ހަޖްރީގެ އިތުރުން ބީ.ވީ.އައި.އެސް.އެމް ގެ ފަރާތުން ބީ.ވީ.އައި.އެސް.އެމް ގެ ރައީސް މާޒިން އަދި އެޖަމިއްޔާގެ ފަރާތުން މަރިޔަމް ވަހީދާ ވަނީ ބައިވެރިވެފަ އެވެ.
މި ހިދުމަތުގެ ސަބަބުން ގިނަ ގުނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށާއި ސަބަބަކީ ލޯފަން ބޭފުޅުން ޖަމްޢިއްޔާގެ ގިނަ ހަރަކާތްތަށް ބާއްވަމުން ދަނީ ފޯނުގެ ޒަރިއްޔާއިން ކަމަށްވާތީ އާއި އެކު ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ހިންގޭ ތަފާތު ތަރައްގީ އާއި ތަމްރީނު ޕްރޮގުރާމްތައް ވެސް ކުރިއަށް ގެންދަނީ ފޯނު މެދުވެރިކޮށް ކަމަށް ވާތީ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
އެހެން ކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޯފަންކުދިންނަށް މިފަދަ ތަމްރީނު ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުސަތު މި ހިދުމަތުގެ ސަބަބުން އިތުރަށް މަގުފަހި ވެގެންދާނެ ކަމަށާއި، ގެ އިތުރުން ޖަމްޢިއްޔާގެ މެމްބަރުން ބާރުވެރިކުރުވައި، ހިތްވަރުދީ މުޖުތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް ވަރަށް ބޮޑު އެހީ އެއް މި ހިދުމަތުގެ ސަބަބުން ލިބިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ލޯފަން ކުދިންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާ ފަދަ ޖަމިއްޔާ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.