ހިމާޔަތް ކޮށްފައިވާ ދޫނީ ހިފާ، ގޯނާކުރާ ފަރަތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އެ އެެޖެންސީ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށާއި ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނި ގެންގުޅޭ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ހިޖުރަކުރާ ދޫނިތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެއް ކަމަށް އީޕީއޭ އިން ބުނެއެވެ.
ރާއްޖެއަށް ހިޖުރަ ކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފާ ފަރާތެއް 501 ރުފިޔާ އާއި 50000 ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އެއްވެސް ބާވަތެއް ގެންގުޅޭ ފަރާތެއްވެސް 501 ރުފިޔާ އާއި 50000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދޫނީގެ ބިސް ނަގާ ފަރާތްތައްވެސް 501 ރުފިޔާއާއި 50000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ކޮންމެ އަހަރެއްގެ ވެސް މިދުވަސްކޮޅަކީ ދޮންދޫންޏާއި، އިރުވާހޫދުފަދަ ދޫނިތައް ރާއްޖެއަށް ހިޖުރާ ކުރާ ދުވަސްކޮޅަކަށް ވެފައި މިފަދަ ދޫނިތައް ހިފާ، ހައްޔަރުކޮށް ދޫނިތަކަށް ގޯނާކުރަމުންދާތީ އީޕީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.