ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކުގައި އަނބިދަރީންނާއި ވަކިން ހދ އަތޮޅުގެ ރައްޔިތުން ވޭތުކުރަމުންދަނީ ތަކުލީފީ ދުވަސްތަކެއް ކަމަށާއި ހދ އަތޮޅަށް ފަތުރުވެރިކަން ގެނެސްދިނުމަށް ސަރުކާރުން މިހާރަށްވުރެ ބާރަށް މަސައްކަތް ކޮށްދެއްވުމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހުދީ އިލްތިމާސްކުރައްވައިފި އެވެ.
މަޖިލިސް ބަހުސްގައި ވާހަކަދައްކަވަމުން ޝަހުދީ ވިދާޅުވީ ހދ ގެ ފަތުރުވެރިކަމުގެ ވާހަކަ ދައްކަނީ ވަރަށް އަސަރާއެކު ކަމަށެވެ. އާބާދީގެ ގޮތުން އެންމެ ބޮޑު އަތޮޅަކަށްވީއިރު އަމިއްލަ ވަންތަކަމުގައި ރިސޯޓެއް ނެތުމުންގެ ސަބަބުން ހދ އަތޮޅުގެ ރައްޔިތުން ފަތުރުވެރިކަމުގެ ވަޒީފާ އަދާކުރަންދާ ޖެހެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަމަށެވެ.
“މިގޮތުން އައްޑު އަތޮޅުން ފެށިގެން ގއ ފެށިގެން ހުރިހާ އަތޮޅެއްގައި ހދ ގެ ރައްޔިތުން އަނބި ދަރީންނާއި ވަކި ތަކުލީފީ ދުވަސްތަކެއް އަދާކުރަމުން. ވަޒީފާގައި ދުވަސްތަކެއް ހޭދަކުރަމުން” ޝަހުދީ ވިދާޅުވި އެވެ.
ޝަހުދީ ވިދާޅުވީ އަތޮޅުގައި ރިސޯޓެއް ފައްކާވެ، އަނބި ދަރީންނާއި ވީހާވެސް ގާތުން ވަޒީފާއަދާކުރުމުގެ ދުވަހަކަށް ހދ ގެ ރައްޔިތުން އުއްމީދުކުރާ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އަމާޒެއްގެ ގޮތުގައި ފާހަގަކުރެވެމުން ދަނީ މި އިންތިޒާރަށް ނިމުމެއް ގެނެސްދިނުންކަމަށް ޝަހުދީ ވިދާޅުވި އެވެ. އެގޮތުން ނާގޯޓާއި ދޭތެރޭ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން އެމްޓީޑިސީ މައުލޫމާތު ދެއްވިކަމަށް ޝަހުދީ ވިދާޅުވި އެވެ.
“އަޅުގަނޑު ހަމަ އިލްތިމާސްކުރަން ސަރުކާރަށް މިއަށްވުރެވެސް ބާރު ލައްވާފައި އަޅުގަނޑުމެންގެ އަތޮޅުގެ ރައްޔިތުންގެ މި އުއްމީދު މި މުހުތާދު ހާސިލްކޮށްދެއްވުމަށް” ޝަހުދީ ވިދާޅުވި އެވެ.
ޝަހުދީ ވަނީ ހަނިމާދޫ ދާއިރާގެ ރަށްތަކުގެ ތަރައްގީއަށް ހުރި މަޝްރޫއުތައް ބަޖެޓްގައި ހިމަނައިދެއްވުމަށް އެދިލައްވައިފަ އެވެ.