twitterviber whatsapp telegramfacebookyoutube instagram
21st May 2025

ނަޝީދު އެންމެ ފަހުން ކުޅުދުއްފުށީ ރައްޔިތުންގެ އަޑު އުފުލައިފި

Nov 21, 2016

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލީހުގެ ގޮނޑު މުހައްމަދު ނަޝީދު ފުރުއްވަމުން ގެންދަވާތާ މިއީ ދެވަނަ ދައުރެވެ. އެހެން މެމްބަރުންނާއި ހިލާފަށް ނަޝީދު ވެވަޑައިގެންފައިވަނީ ދާއިރާ އަދި ރަށު ރައްޔިތުންގެ އަޑު މަޖީލީހުގައި ނު އުފުލައި މެމްބަރެއްގެ ގޮތުގަ އެވެ. ކުޅުދުއްފުށީ ރައްޔިތުންގެ ބަހުން ނަމަ ނަޝީދަކީ “ގޮނޑި ހޫނު” ކުރައްވަން މަޖިލީހުގައި އިންނަވައި މެމްބަރެކެވެ.

ރަށުގެ އަދި އަތޮޅަށް ދިމާވެފައިވާ ކަންކަމާއި މެދު ނަޝީދު މީގެ ކުރިން މަޖީލީހުގައި މިހާ ފުޅާކޮށް ވާހަކަދައްކާފައެއް ނުވެ އެވެ.

ރައްޔިތުން މަޖިލީހުގައި ޖަލްސާގައި ނަޝީދު ވަނީ ހދ އަތޮޅަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ފަތުރުވެރިކަމާއި ބެހޭ ގޮތުން އަތޮޅާއި ކުޅުދުއްފުށީ ރައްޔިތުންގެ އަޑު އުފުލައިފަ އެވެ. އަދި ކުޅުދުއްފުށިގެ މަގު ހެދުމާއި އެއާޕޯޓްގެ ވާހަކަތައް މަޖިލީގުގައި ދައްކަވާފަ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންނަށްވެސް އަދި ހދ ގެ ރައްޔިތުންނަށް ވެސް އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ރާއްޖޭގައި އެތަށް އަހަރެއް ވަންދެން ޓޫރިޒަމްގެ ސިނާޔަތު ހިނގާ ތަރައްގީ ވެގެންދާއިރު ހދ އަތޮޅަކީ ރިސޯޓެއް އުއްފަންވެފައިނުވާ އަތޮޅެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގެ ސަބަަބުން ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ދައްޗާއި އުދާހުގެ ވާހަކަތައް ނަޝީދު ވަނީ މަޖިލީހުގައި އުފުލައިދެއްވާފަ އެވެ.

“އަތޮޅު އެހެން ރައްޔިތުންނެކޭވެސް އެފަދައިން ކުޅުދުއްފުށި ރައްޔިތުންނަކީ ވެސް ރަށްށާއި ކައިރިން ވަޒިފާއަދާކުރަން ބޭނުންވާ ބައެއް. އެހެން ނަމަވެސް ރިސޯޓެއް ނެތުމުގެ ދަތި ވަރަށް ބޮޑަށް ފާހަގަވޭ. ޒުވާން،ހީވާގި،މުރާލި އާބާދީއެއް. އާންމުދަނީ ހޯދޭނެ ވަސީލަތްތައް މަދު. އެހެންކަމުން ކައިރީގައި ރިސޯޓެއް ނެތީމާ ރާއްޖެގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓްތަކަށް ގޮސްގެން އާމްދަނީ ހޯދައިގެން މަސައްކަތް ކުރެވޭތޯ މިހާރުވެސް ކުޅުދުއްފުށީގެ ގިނަ ބަޔަކު ދަނީ މަސައްކަތްކުރަމުން. އެހެންނަމަވެސް ރަށާއި ކައިރީގައި، އަތޮޅުގައި ރިސޯޓެއް ނެތުމުގެ ހިތްދަތިކަން އެބައޮތް” ނަޝީދު ވިދާޅުވި އެވެ.

އެހެން އަތޮޅުތަކާއި ތަަފާތުކޮށް އަޅުގަނޑުމެން މިއުޅެނީ މުޅި އަތޮޅުގައިވެސް ރިސޯޓެއް ނެތިގެންކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ކުޑަމުރައިދޫ އާއި ނާގޯށި އަދި ހޮނޑާފުއްޓަކީ ރިސޯޓް ތަރައްގީކުރުމަށް ދޫކޮށްފައިވާތާ އެތަށް އަހަރު ތަކެއް ވެފައިވާ ރަށްތަކެއް ވިޔަސް އެތަންތަން ނަހަދައިގެން ސަރުކާރަށް ނަގަން އުޅުމުން ކޯޓް ތެރޭގައި މައްސަލަތައް ތާށިވެފައި، ދިގުލައި ގޮސް ވަނީކަމަށް ނަޝީދު ވިދާޅުވި އެވެ.

“އަޅުގަނޑަށް ހީވަނީ ކުޅުދުއްފުއްޓާއި ހދ އަތޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށްގެ މައްސަލަ ކޮންމެވެސް އެހެން ވިސްނުމަކަށް އެބަ ދާން ޖެހޭހެން. ރިސޯޓްތައް ދޭ އުސޫލުތަކާއި ހިލާފަ ކޮންމެވެސް ކަމެއް ކޮށްގެން ނަމަވެސް، މިދެންނެވީ އެއަތޮޅަށް ހާއްސަ އުސޫލުތަކެއް ގާއިމްކޮށްދީގެން ނަމަވެސް އެއަތޮޅަށް ތަންކޮޅެއް އަވަސް ސްޕީޑެއްގައި ރިސޯޓެއް އުފަންކޮށްދޭ އެބަޖެހޭ” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެހެންކަމުން ހދ އަތޮޅަށް ރިސޯޓެއް އުފަން ކޮށްދެއްވުމަށް ސަރުކާރާއި ކަމާގުޅުން ހުރި މުވައްސަސާތަކުން ކޮށްދޭނެކަމަށް އުންމީދު ކުރާކަމަށެވެ.

ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާކަމަށާއި އުންމީދަކީ މިހާރު ދާ ސްޕީޑަށްވުރެ ބާރަށް މަސައްކަތް ނުހުއްޓި ކުރިއަށްގޮސް ނިންމާލުންކަމަށެވެ.

މަގުތައް ނެހެދި ހުރުމުގެ ސަބަބުން ކުޅުދުއްފުށީ ކަހަލަ ރަށްރަށުގައި ވަރަށް ބޮޑެތި މައްސަލަތައް ދިމާވަމުންދާ ކަމަށާއި އެގޮތުން މީހުން ވެއްޓި އަނިޔާވުމާއި ފެންބޮޑުވުމުގެ ސަބަބުން ދަތުރު ނުކުރެވުމާއި ވަޅުގަނޑުތައް ހުޅުމާއި މިތަންތަން އަމިއްލަފުޅަށް ފެނިފަ ތަޖުރިބާ ކުރެވިފައިވާތީ މަގުތަކުގެ ހާލަތު ވަރަށް ރަނގަޅަށް އިހުސާސްކުރެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

“އެމަގުތަކުގައި އަޅުގަނޑުމެންވެސް ދަތުރުކޮށްފައި ހުރުމުން އަޅުގަނޑަށް ވަރަށް ރަނގަޅަށް އިހުސާސް އެބަކުރޭވޭ. މާލޭގައި އަޅުގަނޑުމެން ބޮޑުވަމުން އައިއިރު މާލޭ އޮތް ހާލަތުގައި ކުޅުދުއްފުށީ ވެފައި އެއޮތީ، އުމުރާނީ ތަރައްގީ އާއި އެހެނިހެން ކަންކަން އޭރުގައި އޮތް މާލެއާ އެ ނިސްބަތެއްގައި އޮތްއިރު މަގުތައް ނެހެދި ހުރުމުގެ ސަބަބުން މިއަންނަ އުދާސް ވަރަށް ބޮޑު. އަދި އެކަމުގެ ތަކުލީފު ވަރަށް ބޮޑު. އެހެންވެ އެކަމަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މަގުތައް ހެދެން ފެށިފައި އޮތީމާ. އެހެންނަމަވެސް ނުހުއްޓި ކުރިއަށް ދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް” މެމްބަރު ނަޝީދު ވިދާޅުވި އެވެ.

އެއާޕޯޓް މަޝްރޫއުއަކީވެސް ރައީސް ގެ ވާހަކަފުޅުގައި ދެތިން ފަހަރަކަށް ކަށަވަރުކޮށްދެއްވާފައި އޮތް މަޝްރޫއުއަކަށް ވާއިރު އުންމީދުކުރަނީ މަގު ހެދުމުގެ މަސައްކަތް ވަކި ހިސާބަކަށް ކުރިއަށްދާތަނުން ދެން ފެށޭނީ އެއާޕޯޓް ހެދުމުގެ މަސައްކަތްކަމަށެވެ. އަދި މިއަހަރުގެ ބަޖެޓްގައި ޒުވާނުންގެ މަރުކަޒަކަށް ފުރުސަތު ދެއްވާފައި އޮތީމަ މިއީ ވަރަށް ބޮޑަށް ފާހަގަކުރަން ބޭނުންވާ ކަމެއްކަމަށް ނަޝީދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355