ފުލުހުންނަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން މިހާރު ނޫހުގެ ނޫސްވެރިއެއްގެ މައްޗަށް އަބުރުގެ މައްސަލައެއް ހުށައަޅައިފި އެވެ.
މިހާރުގެ ނޫސްވެރިއެއް ކަމަށްވާ ފަޒީނާ އަހުމަދާއި ދެކޮޅަށް މައްސަލަ ހުށައަޅާފައިވަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ކުރީގެ ނައިބް ޝުޖާއު ހުސެއިން އެވެ.
“އެއީ އެމްޑީޕީގެ މެމްބަރުންނެއް ނޫން، އެޖެންޑާއަކީ ޕާޓީ ހަލާކުކޮށްލުން: ޝިފާޒް” މި ސުރުހީގެ ދަށުން އެ ނޫހުގައި ލިޔެފައިވާ ޚަބަރުގެ މައްސަލައަކާއި ގުޅިގެން ފަޒީނާ ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ބަޔާން ނަގާފަ އެވެ.
މި މައްސަލަ ހުށައަޅާފައިވަނީ އެ ހަބަރުގައި ޝުޖާއު އަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް ބުނެ ލިޔުނު ހަބަރަކަށް ޝުޖާއުގެ ބަސް ހޯދާފައި ނުވާތީ ކަމަށާއި އަދި އެ ހަބަރުގެ ސަބަބުން އެމްޑީޕީގެ އާންމު މެންބަރުންނާއި ރައްޔިތުންގެ ނަފްރަތު އޭނާ އަށް އަމާޒުވި ކަމަށް ޝުޖާއު މިއަދު މީޑިއާގައި ވިދާޅުވި އެވެ.
އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްޑީޕީ އޮފީހަށް ދިއުމުން މާރާމާރީ ހިންގާ އެތަނުން އޭނާ ބޭރުކުރީ ފަޒީނާ ލިޔުނު ހަބަރުގެ ސަބަބުން ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވި އެވެ.
މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ނޫސްވެރިއެއްގެ މައްސަލަ ހުށަހެޅި ފުރަތަމަ ފަހަރެވެ.