twitterviber whatsapp telegramfacebookyoutube instagram
21st May 2025

ބަނދަރު ކުލި ބޮޑު ކުރަން މަޖިލީހުން ފާސްކޮށްފި

Nov 22, 2016

ރާއްޖޭގެ ކަނޑުގެ ބަނދަރަކަށް ވަންނަ ކޮންމެ އުޅަނދަކުން ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ މިންވަރު ބޮޑު ކުރުމަށް، ސަރުކާރުން ކަމާ ގުޅޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބަނދަރު ކުލި ނެގުމާ ބެހޭ ގާނޫނަށް މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް 13 މެމްބަރަކު ވަނީ ވޯޓު ދެއްވާފައި އެވެ.

މި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް ފާސް ކުރަން ބިލު ދިރާސާ ކުރި އިގްތިސާދީ ކޮމެޓީގެ އައުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.

ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އަޒްހާން ވިދާޅުވީ، ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ ކުއްޔަކީ މީގެ 38 އަހަރު ކުރިން ކަނޑައަޅާފައި އޮތް އަދަދަަކަށް ވާތީ ކަމަށާއި މިއީ މުދަލާއި ތަކެއްޗަށް އައިސްފައިވާ ބަދަލަށް ބަލާއިރު، އެކަށީގެން ނުވާ ކުއްޔެއް ކަމަށް ވެސް އަޒްހާން ވަނީ ވިދާޅުވެފައި އެވެ

ބަނދަރަށް ވަނުމުގައި ކުލި ނެގުމަށް ހުށަހެޅި ގޮތް:

– ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 200ރ.

– 200 ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ އުޅަނދަކުން 300ރ.

– 1000 ޓަނުން ފެށިގެން 2000 ޓަނު ހަމަނުވާ އުޅަނދަކުން 400ރ.

– 2000 ގްރޮސް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 500ރ.

– 2000 ގްރޮސް ޓަނުން ފެށިގެން އިތުރުވާ ކޮންމެ 500 ޓަނަކަށް 250ރ.

ބަނދަރަށް ވަނުމުގައި މިހާރު ކުލި ނަގަމުން އަންނަ ގޮތް:

500 ނެޓް ރެޖިސްޓާޑް ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 50ރ. 100 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 100 ޓަނު ހަމަނުވާ އުޅަނދަކުން 200ރ. – 500 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 300ރ. – 1000 ނެޓް ރެޖިސްޓާޑް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 400ރ. – 1000 ނެޓް ރެޖިސްޓާޑް ޓަނަށްވުރެ އިތުރުވާ ކޮންމެ 500 ޓަނެއް ހަމަވަންދެން 200ރ.

އަޒްހާން ވަނީ ބަނދަރުގައި ބޯޓު އޮންނަތާ އެއް ހަފުތާ ވުމުން ކުލި ނަގަން ފަށާ ގޮތަށް ބަދަލުކުރަން ހުށަހަޅުއްވައިފަ އެވެ. އަދި ގާނޫނުގައި މިހާރު އޮތް ގޮތުން ކުލި ނަގަން ފަށާނީ 16 ދުވަސް ވުމުންނެވެ.

އިސްލާހުގައި ވާ ގޮތުން ބަނދަރުގައި އޮންނަތާ އެއް ހަފުތާ އާއި 45 ދުވަހާ ދެމެދު ކޮންމެ ދުވަހަކަށް 65 ރ. ނަގާނެ އެވެ. ގާނޫނުގައި މިހާރު އޮތް ގޮތުން ނަގަނީ 50ރ. އެވެ.

އޭގެ އިތުރުން 46 ދުވަހުން ފެށިގެން 90 ދުވަހާ ހަމަ އަށް ދުވަހަކަށް ނަގަމުން އަންނަ 80 ރުފިޔާގެ ބަދަލުގައި 100 ރުފިޔާ އަށް ބޮޑު ކުރުމަށް އަޒްހާން ވަނީ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް 91 ދުވަހުން ފެށިގެން އިތުރުވާ ކޮންމެ ދުވަހަކަށް ނަގަމުން އަންނަ 150ރ. އަށް ބަދަލެއް ގެންނަން ހުށަހެއް ނާޅުއްވައި ކަމަށް ވެއެވެ.

އަޒްހާން ވަނީ ރެޖިސްޓްރީ ކޮށްގެން ދުއްވާ 1000 ގްރޮސް ޓަނު ހަމަ ނުވާ ބޯޓު ފަހަރުން ބަނދަރު ކުލިި ނުނެގޭ ގޮތަށް އިސްލާހު ކުރުމަށް ހުށަހަޅުއްވައިފަ އެވެ. މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ، ދިވެހިން ދުއްވާ 500 ރެޖިސްޓާޑް ޓަނު ހަމަ ނުވާ ބޯޓު ފަހަރުން ބަނދަރު ކުލި ނުނަގާނެ އެވެ.

މީގެ އިތުރުން ތިން މަސް ދުވަސް ހަމަވުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ކުލި ދައްކަން ޖެހޭ ގޮތަށް އަޒްހާން ހުށަހެޅުއްވި އިސްލާހުގައިވެ އެވެ. އަދި ރާއްޖޭގެ ބަނދަރަކުން ބޯޓެއް ފުރައިގެން ދާން ވާނީ ކުއްޔެއް ދައްކަން ޖެހޭނަމަ، އެ ދައްކައި ނިންމުމަށް ފަހު ގައި ކަމަށް އިސްލާހުގައިވެ އެވެ.

ފުލުހުން ކަނޑުމަތީގައި ބޭނުންކުރާ ލޯންޗުފަހަރު، ކަނޑުގައި އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުން އިސްތިސްނާ ކުރުމަށް އަޒްހާން ހުށަހެޅުއްވި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައި އެވެ. އެ އިސްލާހު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ތެރެއިން 59 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް ފަސް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ވެސް އިންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355