މިރޭ ކުޅުދުއްފުށީ އަމީނީ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސްވި ޒަހަމްތަކެއް ލިބުނު ދުވަސްވީ މިހާ ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.
މިރޭ ހިނގި މި އެކްސިޑެންޓްގައި ޒަހަމްވީ ކުޅުދުއްފުށީ ގުލްދަސްތާގޭ، ހުސައިން ޔޫސުފަށެވެ. އެއީ 74 އަހަރުގެ މީހެކެވެ. އޭނާއަށް މިހާރު ފަރުވާދެމުންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމަުން ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މިރޭގެ އެކްސިޑެންޓްގައި ޒަހަމްވި މީހާގެ ހާލު ވަރަށް ސީރިއަސްކަމަށެވެ. އޮފިޝަލް ވިދާޅުވީ އެމީހާގެ މުޅި ހަށިގަނޑު ވަނީ ޒަހަމްތަކުން ފުރިފަކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ހުސެއިން ދުވާރު ކައިރީގައި ހުއްޓައި ގޮސް ގައިގާ ޖެހިގެންނެވެ. ހުސެއިން ގައިގާ ޖެހި ސައިކަލް ކޮންރޯލް ނުކުރެވި ގޮސް އެހެން ސައިކަލެއްގައި ވެސް ޖެހި ވަނީ އެކްސިޑެންޓްވެފަ އެވެ. އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާއިރު އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެެވެ.
ދެވަނަ ސައިކަލް ދުއްވަން އިނީ އަންހެނެކެވެ. އަދި އެސައިކަލްގައި ކުޑަކުއްޖަކުވެސް އިންނެވެ. މި ދެމައިންނަށް މާބޮޑު އަނިޔާވެފައި ނުވިނަމަވެސް ކުޑަކުއްޖާއަށް ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފަ އެވެ.