މިރޭ ކުޅުދުއްފުށީގައި ހިނގި ނުރައްކާތެރި ސައިކަލް އެކްސިޑެންޓްގައި ފިލި މީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ކޭއޯއަށް ވިދާޅުވީ ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓްގައި ފިލި މީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ ކަމަށެވެ. އަދި އެމައްސަލަ ތަހުގީގުކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމިހާ އާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުންނެއް ނުދިނެވެ. އެމިހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިމިވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.
މިރޭ ހިނގި މި އެކްސިޑެންޓްގައި ޒަހަމްވީ ކުޅުދުއްފުށީ ގުލްދަސްތާގޭ، ހުސައިން ޔޫސުފަށެވެ. އެއީ 74 އަހަރުގެ މީހެކެވެ. އޭނާއަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާއިރު ހާލު ވަރަށް ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި އިތުރު ފަރުވާއަށް އެމިހާ މާލެ ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ހުސެއިން ދުވާރު ކައިރީގައި ހުއްޓައި ގޮސް ގައިގާ ޖެހިގެންނެވެ. ހުސެއިން ގައިގާ ޖެހި ސައިކަލް ކޮންރޯލް ނުކުރެވި ގޮސް އެހެން ސައިކަލެއްގައި ވެސް ޖެހި ވަނީ އެކްސިޑެންޓްވެފަ އެވެ. އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާއިރު އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެެވެ.
ދެވަނަ ސައިކަލް ދުއްވަން އިނީ އަންހެނެކެވެ. އަދި އެސައިކަލްގައި ކުޑަކުއްޖަކުވެސް އިންނެވެ. މި ދެމައިންނަށް މާބޮޑު އަނިޔާވެފައި ނުވިނަމަވެސް ކުޑަކުއްޖާއަށް ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފަ އެވެ