ޕްރައިމަރީގައި ބަލިވާ ކެޑިޑޭޓުން އެހެން ޕާޓީއެއްގެ ޓިކެޓްގައި އަދި އަމިއްލަ ގޮތުން ވެސް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި މި ބިލް ފާސްކޮށްފައިވައި ވާއިރު ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ހުށަހެޅުއްވި މި އިސްލާހު ފާސްކުރުމަށް ވޯޓު ދެއްވީ 41 މެމްބަރުން ވޯޓު ދެއްވާފައި ވާއިރު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 29 މެމްބަރުންނެވެ.
ޕީޕީއެމްއަށް ނިސްބަތްވާ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން ހުށައެޅުއްވި މި އިސްލާހު ހުށައެޅުއްވީ ޕާޓީއެއްގެ ޕްރައިމަރީން ނާކާމިޔާބުވުމުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ނަމުގައި އިންތިހާބުގައި ވާދަކުރުމުގެ ސަބަބުން ޕާޓީގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ފިތުނަ ފަސާދަ އުފެދޭތީ އެކަން ހައްލުކުރުމަށް ކަމަށް ވިދާޅުވި އެވެ.
އިއްޔެގެ ޖަލްސާގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު ވަނީ 43 ވޯޓުން ބޭރުކޮށްފައެވެ..