މިއަހަރުގެ މިހާތަނަށް ޕެރޯލްގެ ދަށުން 85 ކުށްވެރިން މުޖުތަމައަށް ދޫކޮށްލާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ވީނިއުސް އަށް ދެއްވި އިންޓަވިއު އެއްގައި ކަރެކްޝަނުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވެފައި ވަނީ ކުށްވެރިން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޕެރޯލްގެ ދަށުން މިއަހަރުގެ މިހާތަނަށް 85 މީހުން މުޖުތަމައަށް ދޫކޮށްލާފައިވާ ކަމަށާއި ޕެރޯލްގެ ދަށުން މުޖުތަމައަށް އަނބުރާ ނިކުތުމަށް މިއަހަރުގެ މިހާތަނަށް ހުށަހަޅާފައިވަނީ 149 މީހުން ކަމަށެވެ.
އޭގެ އިތުރުން ލުގުމާން ވިދާޅުވެފައި ވަނީ މިއަހަރުގެ މިހާތަނަށް ދޫކުރެވުނު މީހުންގެ އަދަދު މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކުރެވުނު މީހުންނަށްވުރެ ނިސްބަތުން މަދު ނޫން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޕެރޯލްގެ ފުރުސަތަށް އެދި ހުށަހެޅީ ޖުމްލަ 129 މީހުން ކަމަށާއި އޭގެ ތެރެއިން 87 މީހުން ވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި ކުށްވެރިން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރުމަށްޓަކައި ޖަލުތަކުގައި ހިންގަމުންދާ ގިނަ ޕްރޮގްރާމްތަކުގެ ތެރެއިން ކުށްވެރިންނަށް މަސައްކަތް ދަސްކޮށްދިނުމާއި ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށެވެ.
މިއަހަރުގެ މިހާތަނަށް 85 މީހަކު ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކޮށްލެވިފައިވާ ކަމަށް ކަރެކްޝަނުން ބުނެފައިވާއިރު، ޕެރޯލްގެ ދަށުން މިއަހަރު 300 ކުށްވެރިން މުޖުތަމައަށް ދޫކުރާނެ ކަމަށް މިއަހަރުގެ މެދުތެރޭ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވެއެވެ.