ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުގެ ހައްގުތައް ހިމާޔަތްކޮށް ދެވޭނެެ ފުރިހަމަ ނިޒާމެއް ގާއިމް ކޮށް ދިނުމަށް ގުޅުން ހުރި އިދާރާތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.
ނުުޅެދުންތެރިންކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެން އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާގުޅޭ ގޮތުން ކޮމިޝަނަށް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ނުކުޅެދޭ ފަރާތްތަކަށް އާއިލާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރުމާއި، އާއިލާއާއި މުޖުތަމައުއިން ލިބެންވާ އެހީތެރިކަމާއި އެއްބާރުލުން އެފަރާތްތަކަށް ނުލިބުމާއި، ތައުލީމު ފޯރުކޮށްދިނުމުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި، އެފަރާތްތަކަށް ލިބެންވާ އިނާޔާތް ނުލިބުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
މިއަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، ކޮންމެ ހަތް މީހުންގެ ތެރެއިން އެކަކީ ކޮންމެވެސް ވަރެއްގެ ނުކުޅެދުންތެރިކަމެއް ތަހައްމަލުކުރަމުންދާ މީހެކެވެ.