ޕްރައިމަރީގައި ބަލިވާ ކެޑިޑޭޓުން އެހެން ޕާޓީއެއްގެ ޓިކެޓްގައި އަދި އަމިއްލަ ގޮތުން ވެސް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ތަސްދީގު ކުރައްވައިފި އެވެ.
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން ހުށަހަޅުއްވައި ފާސްކުރި އެ އިސްލާހު ތަސްދީގު ކުރައްވައި މިއަދު ގެޒެޓުކޮށްފައިވާއިރު އެ އިސްލާހު ފަސްވެފައިވަނީ 41 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހުގައި ވަނީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ފަހަތަށް 10 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށެވެ.
އެގޮތުން އެ ގާނޫނަށް އިތުރުކުރި މާއްދާގެ (ހ)ގައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީ ނަމަވެސް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރަކު ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓު ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ.
މި އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.