ދިވެހި ރެޑްކުރެސެންޓްގެ ފަރާތުން ކުޅުދުއްފުށީގައި އެއްބައިވަންތަކަމުގެ ދުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ރެޑްކްރެސެންޓް ހދ ގޮފީގެ ކޯޑިނޭޓަރ އަހުމަދު އަބްދުﷲ ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ މި ދުވުމަކީ ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވުމާށް ފަންޑު ހޯދުމަށް ބޭއްވޭ ދުވުމެއް ކަމަށެވެ.
ހުރިހާ އުމުުރު ފުރާއަކަށް ހުޅުވާލައިގެން ބޭއްވޭ މި ދުވުން އޮންނާނީ 26 ޑިސެންބަރު ވާ ހޯމަ ދުވަހު ހަވީރު ކަމަށާއި ދުވުން ފެށޭނީ ޖަލާލުއްދީން ސްކޫލް ކުރިމަތިން ކަމަށް އަހުމަދު ވިދާޅުވި އެވެ.
އެގޮތުން ކުރިން ދުވުން ނިންމުން އާޓިޕިޝަލް ބީޗާއި ހަމައިން އިންކަމުގައި ވިއަސް މިހާރު ދުވުން ނިންމަން އިންނާނީ ވެލިގަނޑާއި ހަމައިން ކަމަށް އަހުމަދު ވިދާޅުވި އެވެ.
މީގެ އިތުުރުން ދުވުމަށްފަހު އެއްވަނަ ދެވަނަ އަދި ތިންވަނަ ދިޔަ ފަރާތްތަކަށް ޓްރޮފީ ހަވާލުކުރުން އޮންނާނެ ކަމަށާއި އަދި އެންމެ ހަގު ދުވުންތެރިޔާއާއި އެންމެ ދޮށީ ދުވުންތެރިޔާ ވެސް ހޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަމާއި ގުޅޭނެ ނަންބަރާއެކު 7938817 އަށް އެސްއެމްއެސް ކުރެއްވުމުން ނަން ނޯޓް ކުރެވޭނެ އެވެ. މި ދުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން 100 ރުފިޔާގެ ފީއެއް ނެގޭނެ އެވެ. އެގޮތުން ދުވުން ބޭއްވުމުގެ ކުރިން
ބައިވެރިންގެ ފީ ބަލައިގަތުމާއި ދުވުމުގައި ބޭނުން ކުރާ ޓީޝާޓު ހަވާލުކުރެވޭނެ އެވެ. ފީ ބަލައިގަންނާނެ ތާރީހާއި ތަން ބައިވެރިންނަށް އެސްއެމްއެސް ކުރެވޭނެ ކަމަށް ރެޑްކްރެސެންޓުން މައުލޫމާތު ދެއެވެ.
މި ދުވުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ރެޑް ކްރެސެންޓުން އެދިވަޑައިގަނެވެ.