ކުޅުދުއްފުށީ އަމީނީމަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ޕާކު ކޮށްފައި އޮތް ކާރަކަށް އަރައިފި އެވެ.
މިރޭ 6:45 ހާއިރު ކުޅުދުއްފުށީ އަމީނީމަގު ގްރީން ޓެކްސީ ކުރިމަތީގައި ހިނގި މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 18 އަހަރުގެ ޒުވާނާއަށް ވަނީ އަނިޔާވެފައި އެވެ.
މަންޒަރު ދުށް މީހުން ކޭއޯއަށް ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެ ސައިކަލް ކޮންޓްރޯލް ނުކުރެވިގެން ގޮސް އަރާފައިވަނީ މަގުގެ އެއްފަރާތުގައި ޕާކްކޮށްފައި އޮތް ކާރަކަމަށެވެ.
މި އެކްސިޑެންޓްގައި ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ އެއްކޮށް ތަޅައިގެން ގޮސްފަ އެވެ. އެވަގުތު އެތަނުގައި ތިބި މީހުން ބުނީ ސައިކަލް ދުއްވަން އިން މީހާ ނެރުނީ ކާރުގެ އެތެރެއިން ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ބޮލުން ލޭ ފައިބަމުން ދިޔަ ކަމަށް އެމީހުން ބުނެ އެވެ.
މިކަމުގައި އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެ އެވެ.
ހަބަރާ ގުޅޭ އިތުރު ފޮޓޯތައް