2 ދިވެއްސެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީން ހާމަކުރައްވައިފި އެވެ.
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ޒިކާ ވައިރަހަށް ޖުމްލަ 517 ދިވެހިންގެ ޓެސްޓްކޮށްފައި ވާއިރު މި ވައިރަސް ފެނިފައި ވަނީ 2 ދިވެހިންގެ ގައިން ކަމަށް ރާއްޖޭގައި ޒިކާ ބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ނެރުއްވި ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖޭގައި ޒިކާ ވައިރަސް އުޅޭތޯ ބެލުމުގެ މަސައްކަތް ޖެނުއަރީމަހު ފަށާފައިވަނީ ރާއްޖެ ޒިޔާރަތްކުރި 3 ފަތުރުވެރިއެއް އެނބުރި ގައުމަށް ގޮސް ހެދި ޓެސްޓްތަކުން ޒިކާއަށް ޕޮޒިޓިވްވެފައިވާތީ ކަމަށާއި މިހާތަނަށް ޓެސްޓްކުރި 517 މީހުންނަކީ މިބަލިން ފެންނާނެ ބައެއް އަލާމާތްތައް ފެނިގެން ޓެސްޓްކުރި މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ޒިކާ ވައިރަސް ފެނިފައިވަނީ ކުޑަ ކުއްޖެއްގެ ގައިންނާއި ބޮޑު މީހެއްގެ ގައިންނެވެ. މި ދެ މީހުންނަކީވެސް ފިރިހެނުންނެވެ.
ޒިކާ ޖެހުމުން އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިން ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުމާއި ގައިގައި ރިއްސުމާއި ބޮލުގައި އަދި ގައިގެ ހުޅުތަކުގައި ރިއްސުން ހިމެނެއެވެ. މި ވައިރަހަކީ ފުރާނައަށް ނުރައްކާވާ ވައިރަހެއް ނޫނެވެ