twitterviber whatsapp telegramfacebookyoutube instagram
9th May 2024

ހައްޖު ކޯޕަރޭޝަނުން ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފި

Dec 17, 2016

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން އިސްލާމިކް ކަލްޗަރަލް ޓުއާގެ ނަމުގައި ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

އުމްރާ ދަތުރަކާ އެކު ތާރީހުގައި ފާހަގަކޮށްލެވޭ އިސްލާމީ ތަންތަނާއި ބިނާތައް ދައްކުވައިދޭ ޓުއާ ޕެކޭޖްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި އެ ދަތުރަކީ މުސްލިމުންގެ ތިން ޙަރަމް ކަމުގައިވާ މަސްޖިދުލް ޙަރަމް (މައްކާ)، މަސްޖިދުއްނަބަވީ (މަދީނާ) އަދި މަސްޖިދުލް އަޤްޞާ (ފަލަސްތީން) އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރެއް ކަމަށެވެ. އަދި އޭގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ، މިސްރު، އުރުދުން (ޖޯޑަން) އަދި ފަލަސްތީނުގައި ހުރި އިސްލާމީ ތާރީހާއި ގުޅުންހުރި މުހިއްމު ބައެއް ތަންތަން ބަލައިލުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ތިން ޙަރަމަށް ޒިޔާރަތްކުރުމުގެ ދަތުރުގެ މައުލޫމާތު ހާމަކޮށް ބުނެފައި ވަނީ މުޅި ދަތުރަށް 21 ދުވަސް ނަގާނެ ކަމަށެވެ. އެއީ ސައުދީ އަރަބިއްޔާގެ މައްކާގައި ނުވަ ދުވަސް، މަދީނާގައި ދެ ދުވަސް، މިސްރުގައި ފަސް ދުވަސް، އުރުދުން (ޖޯޑަން)ގައި ދެ ދުވަސް އަދި ފަލަސްތީނުގައި ތިން ދުވަސް މަޑުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެ ދަތުރަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު މާޗް މަހުގެ ފަސްވަނަ ދުވަހު އެވެ.

އެ ޕެކޭޖުގެ އަގަކީ 49965 ރުފިޔާ ކަމަށާއި ހަތަރު މީހުންނަށް ވުރެ ގިނައިން ރަޖިސްޓަރީކުރާ ގްރޫޕަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި އެ ދަތުރުގެ ޕެކޭޖްގައި ހިމަނާފައިވާ އަގުގެ އިތުރުން އެހެނިހެން ކަންކަމުގައި އެއްވެސް އަގެއްނެތި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން ޢުމްރާ ކުރުމުގައި، ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ހުރިހާ މަންޒިލްތަކެއްގެ ދަތުރު ހަރަދު ދިނުމާއި އުމްރާ ވިސާ، އުމްރާ ތަމްރީން ޕްރޮގްރާމް، ވެކްސިން ޖެހުމުގެ ހިދުމަތް، ދެ ޢުމްރާ ކުރުމުގެ ފުރުސަތު އަދި އޭގެ އިތުރުން 21 ދުވަހުގެ ހުރުމާއި އުމްރާ ކިޓާއި އެހެނިހެން ހިދުމަތްތައް ލިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޢުމްރާއަށް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ފުރުމަށް ފަހު އެ ކޯޕަރޭޝަނާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކަށް ވަޑައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ރަޖިސްޓްރީކުރާއިރު ފޯމާއި އެކު މަދުވެގެން 20000 ރުފިޔާ ދައްކަވަންވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ރަޖިސްޓްރީކުރުމާއި ފައިސާ ދެއްކުމުގެ ސުންގަޑި އަކީ 31 ޖެނުއަރީ 2017 ކަމަށާއި ސުންގަޑީގެ ކުރިން ފައިސާ ދެއްކެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަހުންމަހަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމް ވެސް ހަމަޖައްސައިދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355