ށ. ފީވަކުން ފުރައިގެން ޑިންގީއެއްގައި ފޯކައިދު އަށް ދަނިކޮށް އިންޖީނު ހަލާކުވެ، ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
މިއަދު ހަވީރު ހިނގި މިއެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން އަންނަނީ ފީވަކު، އޯކިޑްމާގެ އަބުދުﷲ ފަޒީލް(32އ) އެވެ.
މިއެކްސިޑެންޓް ހިނގީ ޑިންގީގެ އިންޖީނު ހަލާކުވެ، އިންޖީނުގެ ތެރޭގައި ވަށްބުރެއްހެން ތޫނުކޮށްއިން ފުލައިވީލް ނައްޓައިގެން ގޮސް ފަޒީލްގެ ބަނޑުގަ ޖެހިގެންނެވެ. މިހާދިސާގައި ފަޒީލްގެ ބަނޑުގެ ބޮޑު ހިސާބެއް ކަފައިގެން ގޮސް ގޮހޮރުގެ ބައެއް ބޭރަށް ނިކުމެފައިވެ އެވެ.
އޭނާގެ އޮފަރޭޝަނެއް މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ދަނީ ކުރަމުންނެވެ. އެހޮސްޕިޓަލްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ ޑިންގީއެއްގައި ހިނގި އެކްސިޑެންޓާ ގުޅިގެން އަނިޔާވި ޒުވާނުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ ތަފްސީލެއް ނުދިނެވެ.