ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ބޭނުންކުރުމަށް ބަނދެފައިވާ ފަސް އިންޓަރސެޕްޓަރ ކްރާފްޓުގެ ތިން އުޅަނދު ރޭ ރާއްޖެ ގެނެސްފި އެވެ.
މިއަހަރު ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ވަނީ މި އުޅަނދުތައް ބަނުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑް ސޮއިކުރައްވާފައިި ކަމަށާއި އެއްބަސްވުމުގެ ދަށުން ބަނދެފައިވާ 5 އުޅަނދުގެ ތެރެއިން 2 އަޅުދަނދެއް ވަނީ މިދިޔަ މަހު 12 ވަނަ ދުވަހު ރާއްޖެ ގެނެސްފައެވެ. އަދި ރޭގަ ގެނެވުނު ތިން އުޅަނދާއެކު ޖުމްލަ ފަސް އުޅަނދު މިހާރު ވަނީ ރާއްޖެ ގެނެވިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ލިބެއެވެ.
ސްރީލަންކާ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ބަނދެފައިވާ މި ތިން އުޅަނދު ރާއްޖެ ގެނައުމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް އުމަރާއި ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި ކޯސްޓްގާޑުގެ އިސް އޮފިސަރުން ވަނީ މި ތިން އުޅަނދަށް ޒިޔާރަތްކުރައްވައި އުޅަނދުތައް ބައްލަވާލައްވާފައެވެ.
މި އުޅަނދުތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަންތަކާއި ރެސްކިއު އޮޕަރޭޝަންތަކުގައިއެވެ.