ށ. ފީވަކުން ފުރައިގެން ޑިންގީއެއްގައި ފޯކައިދު އަށް ދަނިކޮށް އިންޖީނު ގޮވައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި އަބްދުﷲ ފަޒީލް(32) ގެ ހާލު ގޯސްވެދާނެތީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ.
އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު އަހްމަދު މައުސޫމް “ވީއެފްޕީ” އަށް ވިދާޅުވީ، ފަޒީލްއަށް އިތުރު ފަރުވާ ދިނުމަށް ރޭގެ 20:00 ގައި ފަޒީލް އިންޑިއާގެ ޓްރިވެންޑްރަމްއަށް ޑޮކްޓަރުންގެ ޓީމަކާއި އެކު ފޮނުވާލާފައިވާ ކަމަށެވެ. އަދި ފަޒީލް ގެންދިޔައީ ވެންޓިލޭޓާގައި ބާއްވައިގެން ކަމަށާއި އެއީ ކިޑްނީގެ މައްސަލަތަކާއި އެތެރެ ހަށީގެ ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވެދާނެތީ ޑޮކްޓަރުންގެ ލަފާއާއި އެއްކޮށް ކަމަށެވެ.
ފަޒީލްގެ އެތެރެހައްޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި މައިބަދައަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށަ އޭނާ ވިދާޅުވި އެވެ. ކަފައިގެން ގޮސްފައި ހުރި ކަމަށް ލަފާ ކުރެވެނީ ފަހަތު އަރިމަތިން އެއްޗެއް ވަދެގެން ގޮސް ކުރިމަތިން ނުކުމެފައި ކަަމަށެވެ.
މިވަގުތު މިހާރު އޮތީ ހޭނައްތާފައި ކަމަށާއި އެއީ ކުޅުދުއްފުށީ ހޮސްޕިޓަލުން ބޮޑު އޮޕަރޭޝަނެއް ކޮށްގެން ގެނެސްފައިވާތީ މީހާ ސްޓޭބަލް ކުރަން ކަމަށް މައުސޫމް ވިދާޅުވެފައި އެވެ.
ފަޒީލް ޒަހަމްވެފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ހަވީރު ރައްޓެއްސަކާއި އެކު ކޮފީއެއް ބުއިމައްޓަކައި ށ.ފީވަކުން ފުރައިގެން އެ އަތޮޅު ފޯކައިދުއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އިންޖީނުގެ ފުލައިވީލް ނައްޓައިގެން ގޮސް ފަޒީލްގެ ބަނޑުގަ ޖެހިގެން ނެވެ.
މިހާދިސާގައި ފަޒީލްގެ ބަނޑުގެ ބޮޑުބައެއް ކަފައިގެން ގޮސް، ގޮހޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.