ކުޅުދުއްފުށީ ލޯކަލް ބަނދަރު ޖެޓީ ސަރަހައްދުގައި އެކި ފަރާތްތަކުން ބަހައްޓާފައި ހުރި ތަކެތި 7 ދުވަހުގެ ތެރޭގައި ނެގުމަށް ކައުންސިލުން އަންގައިފި އެވެ.
އެސަރަހައްދުގައި ގިނަ އަދަދެއްގެ ލަކުޑި އާއި ދަގަނޑުގެ އެކި ބާވަތްތަކުގެ ބާ މުދާ ވަރަށް ގިނައިން އެކި ފަރާތްތަކުން ބަހައްޓާފައި އެބަހުއްޓެވެ. އެފަދަ ބައެއް ތަކެތި އެތަނުގައި ހުންނަތާ އަހަރަކަށްވުރެ ވެސް ވަނީ ގިނަ ދުވަސްވެފައި އެވެ.
ކައުންސިލުންގެ ނައިބު ރައީސް އައިމަނު މުހައްމަދު ވިދާޅުވީ، ބަނދަރުގެ ޖެޓީ ސަރަހައްދުގައި އެކި ފަރާތްތަކުން އެކި ފާޑުގެ ތަކެތި ބަހައްޓާފައި ހުރުމުން، ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް އުނދަގޫވެ، އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އައިމަނު ވިދާޅުވީ އެސަރަހައްދުގައި ބަހައްޓާފައި ހުރި ގިނަ ދުވަސްވެފައިވާ ތަކެތި 7 ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށެވެ.