twitterviber whatsapp telegramfacebookyoutube instagram
18th July 2025

އިސްތިއުނާފު ކުރަން ހުށަހަޅާފައިވާ މައްސަލަ ނެގުމަށް އީސީ ނިންމައިފި

Dec 22, 2016

ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނެގުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ވާގޮތުން މިގޮތަށް ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެ ކޮމިޝަނުގެ އިދާރާގައި ބޭއްވުނު ގައުމީ ލަފާދޭ ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ މަޝްވަރާއާއެކު ކަމަށެވެ.

އަދި ބައްދަލުވުމުގައި ނިންމީ އިންތިހާބު ބޭއްވުން އަވަސް ކުރުމަށްޓަކައި ހައި ކޯޓަށް އެ ކޮމިޝަނުން އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެނައުމަށްފަހު އަލުން އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރުމަށް ކަމަށެވެ.

ސިވިލް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި ހުކުމާ ގުޅިގެން މިމަހުގެ ތިންވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ އިސްތިއުނާފް ކުރުމަށްޓަކައި ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި މިމަހުގެ ހަވަނަ ދުވަހު އެމައްސަލަ ސިވިލް ކޯޓުން ހައި ކޯޓަށް ހުށަހެޅުމުން، އިސްތިއުނާފް ފޯމަށް ބަދަލު ގެނައުމަށްފަހު މިމަހުގެ 18 ވަނަ ދުވަހު އަލުން އެ ފޯމް ހުށަހެޅުމަށް ވަނީ އަންގާފައެވެ. އަދި މިމަހުގެ 19 ވަނަ ދުވަހު ވަނީ އެމައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ހޯދައި އިސްތިއުނާފު ފޯމު އިސްލާހު ކުރުމަށްފަހު ހައިކޯޓަށް ހުށަހަޅާފައިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ކޯޓުން ނެރެފައިވާ ހުކުމް ދެމިއޮންނާނެތީ އެ ހުކުމާ އެއްގޮތަށް ކުރިއަށް ދިއުމަށްޓަކައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355