twitterviber whatsapp telegramfacebookyoutube instagram
18th May 2024

ޅައިމަގު އަންހެނުން ކޮމިޓީގެ ރައީސާގެ މޫނަށް ކެމިކަލް ޖަހައިފި

Dec 24, 2016

ށ. ޅައިމަގު އަންހެނުން ކޮމިޓީގެ ރައީސްގެ މޫނަށް މީހަކު ރޭ ކެމިކަލް ޖަހައިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި  ހެނދުނު ފަރުވާ ދޭން ފަށައިފި އެވެ.

ރާއްޖޭގެ ނެރޭ އޮންލައިން ނޫހެއް ކަމަށްވާ “މިހާރު” އަށް މައުލޫމާތު ދެމުން ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލްޣަނީ އިބްރާހިމް މިއަދު ވިދާޅުވީ ހަލީމާ އާދަމްގެ މޫނަށް ކެމިކަލް ޖެހުމުގެ ސަބަބުން އޭނާގެ ލޮލުން ދިލަ ނަގާ ވަރުން އެއްގޮތަކަށް ވެސް ލޯ ނުހުޅުވޭ ކަމަށާއި މޫނުމަތި ވެސް ވަނީ ކަޅުވެފައިވާ ކަމަށް ވަނީ ވިދާޅުވެފައި އެވެ.

އަބްދުލްޣަނީ ވިދާޅުވީ ހަލީމާގެ އުމުރުން ވާނީ 50 ހަކަށް އަހަރު ކަމަށާއި ހަލީމާގެ ގަޔަށް ކެމިކަލް ޖެހީ ފަތިސް ނަމާދުކޮށް ނިންމުމަށް ފަހު ގޭގެ ބޭރު ދޮރު ހުޅުވާލި ވަގުތު، ދޮރު ކުރިމަތީ ހުރި މީހެއް ކަމަށް އޭނާ ބުނާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ކޮން ކަހަލަ ކެމިކަލެއްކަން ނޭނގުނު ނަމަވެސް ހަލީމާގެ މޫނުމަތީގެ ކުލަ ބަދަލުވެ، މޫނު ދުޅަވެފައި ހުރުމުން އެއީ ބާރުގަދަ އެއްޗެއްކަން އެނގޭ ކަމަށެވެ.

ފުލުހުން ވެސް މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުން ނެވެ.

އަބްދުލްޣަނީ ވިދާޅުވީ ކެމިކަލް ޖެހީ ކާކުކަން ހަލީމާއަށް އެނގޭ ކަމަށާއި އެހެން ނަމަވެސް ހަލީމާ ބުނެފައި ވަނީ މަރާލަފާނެ ކަމުގެ ބިރަށް އެމީހާގެ ނަން ބުނަން ނުކެރޭ ކަމަށް ވެސް އަބްދުލްޣަނީ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ ހަލީމާގެ ހާލު ސީރިއަސް ނޫން ކަމަށާއި ކެމިކަލްގައި އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ލޮލަށް ކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުންދަނީ ވޯޑްގަ އެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355