twitterviber whatsapp telegramfacebookyoutube instagram
18th May 2024

އައިއެންއައިއޭގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކުރަނީ

Dec 26, 2016

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓް ރިބްރޭންޑްކުރައްވައި، އެއާޕޯޓުގެ ނަން ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

އިބުރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓްގެ ނަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމަށް ބަދަލުކުރަނީ އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލްގެ  ނަން ހަމަޖެއްސެވީ، އެއާޕޯޓަށް މިހާރު ގެނެވެމުންދާ އުމުރާނީ ތަރައްޤީއާއި ރާއްޖޭގެ ބްރޭންޑް އިމޭޖް ރަމްޒުކޮށްދޭ، ފަސޭހަ، އަދި ކުރިއެރުމާއި ތަރައްޤީގެ ވިސްނުމަށް މަގުފަހިކޮށްދޭ ނަމަކަށް ބަދަލުކުރެއްވުމަށްޓަކާ ކަމަށެވެ.

ހަމައެއާއެކު، އެއާޕޯޓުގެ ނަން މިހާރު އެ ބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަކީ، ދިވެހިރާއްޖެއަށް ހާރިޖީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، އަދި ރާއްޖޭގެ ތަރައްޤީއަށްވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށްވާތީއާއި، “ވެލާނާ” މި ނަމަކީ އެ މަނިކުފާނަށް ނިސްބަތްވާ ނަމަކަށްވުމާއެކު، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާގޮތަށް އެއާޕޯޓުގެ ނަން ބޭއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަކަށްވާތީ މި ނަން ކިޔުމަށް ނިންމެވީކަމަށް ބަޔާނުގައި ވެ އެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓްގެ ނަން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރެއްވުމަށް ހަމަޖައްސަވާފައިވަނީ 1 ޖަނަވަރީ 2017 އިން ފެށިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355