ކައިވެނިން ބޭރުން އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމަނާ މައުލޫމާތުގެ ސަބަބުން އެކުދިންނަށް ގެއްލުން ނުވާނޭ ގޮތަށް ހިމެނުއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ނިންމަވައިފި އެވެ.
ރައީސް އެގޮތަށް ނިންމެވީ މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިނެވެ.
ކައިވެނިން ބޭރުން އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމަނާ މައުލޫމާތު، މިހާރު ހިމަނާފައި ހުންނަ ގޮތުން، މިފަދަ ކުދިންގެ ތައުލީމީ އަދި އިޖްތިމާއީ ކުރިއެރުމަށް ހުރަސްއެޅެމުންދާ ކަމަށް ފާހަގަކުރެވޭތީކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަދި އެފަދަ ކުދިންނަށް ނަފްސާނީ ގޮތުން މައްސަލަތަކެއް ކުރިމަތިވެ، އެކުދިންގެ މުޅި ދިރިއުޅުމަށް އެކަމުން ހިޔަނި އެޅެމުންދާކަންވެސް ފާހަގަކުރެވޭތީއެވެ.
އިސްލާމީ ވަރަށް ގިނަ ޤައުމުތަކުގެ މިފަދަ ކުދިންނަށް އެކުދިންގެ ޒަރޫރީ މައުލޫމާތުތައް ރަސްމީ ލިޔެކިޔުންތަކުގައި ހިމެނުމުގައި، ހާއްސަ ގޮތްތަކެއް ހަމަޖައްސާފައިވާކަންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ވަޒީރުންގެ މަޖިލީހުން އެގޮތަށް މަޝްވަރާ އެރުވުމާ ގުޅިގެން، މިގޮތަށް އަމަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ނިންމަވާފަ އެވެ.