twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހދ އަތޮޅު ކައުންސިލުން ފޮނުވާފައެއް ނުވޭ

Dec 27, 2016

ލާމަރުކަޒީ ގާނޫނުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރަށް ކައުންސިލްތަކުން ތައްޔާރުކުރަންޖެހޭ ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން މުއްދަތު ހަމަވިއިރު ހދ އަތޮޅު ކައުންސިލުން ހުށަހަޅާފައެއް ނުވެ އެވެ.

ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ފޮނުވި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް މިއަދުވަނީ އެލްޖީއޭއިން އާއްމުކޮށްފަ އެވެ. އެގޮތުން 80 ކައުންސިލަކުން އަދި ފައިނޭންޝަލް ޕްލޭން 56 ކައުންސިލަކުން ފޮނުވާފައިވާކަމަށް އެލްޖީއޭ ބުނެފި އެވެ.

ބޮޑުތިލަދުންމަތީގެ 3 އަތޮޅުގެ ކައުންސިލުތަކުގެ ތެރެއިން ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހަޅާފައި ނުވަނީ ހދ އަތޮޅު ކައުންސިލުން އެކަންޏެވެ. ހއ އަދި ށ އަތޮޅު ކައުންސިލުންވެސް ވަނީ މި ދެ ރިޕޯޓް ހުށަހަޅާފައި އެވެ. ހދ އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅެވެ.

ތަރައްގީ އާއި ފައިނޭންޝަލް ޕްލޭން އެލްޖީއޭ އަށް ފޮނުވަންޖެހޭ އެންމެ ފަހު ތާރީހަކީ މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހެވެ. މި މުއްދަތުގައި ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް ފޮނުވީ 10 އަތޮޅު ކައުންސިލަކުންނާއި 56 ރަށު ކައުންސިލަކުންނެވެ. ތަރައްގީގެ ޕްލޭން ފޮނުވީ 14 އަތޮޅު ކައުންސިލަކުންނާއި 66 ރަށު ކައުންސިލަކުންނެވެ. މުއްދަތު ފާއިތުވެދިޔައިރު އެއްވެސް ސިޓީ ކައުންސިލަކުން ޕްލޭންތައް ފޮނުވާފައިނުވާކަމަށް އެލްޖީއޭއިން ބުނެ އެވެ.

ލާމަރުކަޒީ ގާނޫނުގެ 108 ވަނަ މާއްދާ އާއި 109 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮންމެ ކައުންސިލަކުން ވެސް ތަރައްގީގެ ޕްލޭން ތައްޔާރުކުރަން ލާޒިމްކުރެ އެވެ. އަދި ރަށު ތަރައްގީގެ ޕްލޭނާއި އިދާރީ ދާއިރާތަކުގެ ތަރައްގީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް ފަސް އަހަރުގެ ފައިނޭންޝަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް އާއްމުކުރުމަކީ ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355