twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކައުންސިލުތަކުން ތަރައްގީ ޕްލޭން ނުފޮނުވަނީ އަމަލީ ސިފަ ނާންނާތި: އަހުމަދު

Dec 28, 2016

ލާމަރުކަޒީ ގާނޫނުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރަށް ކައުންސިލްތަކުން ތައްޔާރުކުރަންޖެހޭ ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހދ އަތޮޅު ކައުންސިލުން ފޮނުވާފައިނުވަނީ އަތޮޅުގެ ރަށްތަކުން ޕްލޭން ނުލިބުމުންކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސް އަލްއުސްތާޒު އަހުމަދު އިބުރާހިމް ވިދާޅުވި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން އަހުމަދު އިބުރާހިމް ވިދާޅުވީ އަތޮޅު ކައުންސިލުން އެފްލޭންތައް ތައްޔާރުކުރަނީ ރަށު ކައުންސިލްތަކުގެ ހަދާ ޕްލޭންތަކުގެ މައްޗަށް ބަލާފައި ކަމަށާއި ޕްލޭން ނުހެދުނީ ރަށްތަކުގެ ޕްލޭން ނުލިބުމުން ކަމަށެވެ.

” އަތޮޅު ކައުންސިލުން އެޕްލޭން ތައްޔާރުކުރާ ގޮތަށް އިންނާނީ ރަށު ކައުންސިލުތަކުގެ ޕްލޭނަށް ބަލާފަ. އަޅުގަނޑުމެން އަދި އެއްޗެއް ތައްޔާރުކޮށްފައި ފޮނުވާ ފިއްޔާ ފޮނުވިކަމުގެ ލިސްޓަށް އަރާނެ. އެހެންނަމަވެސް އެ ތަންފީޒުކުރެވޭނީ ރަށު ފެންވަރުގަ ތާ، ރަށު ކައުންސިލުތަކުން ތައްޔާރުކުރާ އެއްޗަށްކަށް ބަލާފަ އެ ޕްލޭން ފޮނުވާ ގޮތަށް އަޅުގަނޑުމެން އިންނާނީ ” އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ބޮޑުތިލަދުންމަތީގެ 3 އަތޮޅުގެ ކައުންސިލުތަކުގެ ތެރެއިން ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހަޅާފައި ނުވަނީ ހދ އަތޮޅު ކައުންސިލުން އެކަންޏެވެ. ހއ އަދި ށ އަތޮޅު ކައުންސިލުންވެސް ވަނީ މި ދެ ރިޕޯޓް ހުށަހަޅާފައި އެވެ. ހދ އަތޮޅުން މި ޕްލޭންތައް ހުށަހަޅާފައިވަނީ ނޭކުރަންދޫ އާއި ވައިކަރަދޫ ކައުންސިލުން އެކަންޏެވެ.

އަހުމަދު ވިދާޅުވީ އަތޮޅުގެ ގިނަ ރަށު ކައުންސިލްތަކަކުން ތަރައްގީގެ ޕްލޭން ހުށަހަޅާފައި ނުވަނީ ގަބޫލުކުރެވޭ ގޮތުގައި ޕްލޭންތަކަށް އަމަލީ ސިފަ ނާންނާތީ ކަމަށެވެ.

” ކިއްތަމެއް ވަރަށް ޕްލޭން ހަދަ ހަދާފައި ފޮނުވިޔަސް އެއީ ވޯކް ކުރާ އެއްޗެއް ނޫން ” އަހުމަދު ވިދާޅުވި އެވެ.

ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ފޮނުވި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް މިއަދުވަނީ އެލްޖީއޭއިން އާއްމުކޮށްފަ އެވެ. އެގޮތުން 80 ކައުންސިލަކުން އަދި ފައިނޭންޝަލް ޕްލޭން 56 ކައުންސިލަކުން ފޮނުވާފައިވާކަމަށް އެލްޖީއޭ ބުނެފި އެވެ.

ތަރައްގީ އާއި ފައިނޭންޝަލް ޕްލޭން އެލްޖީއޭ އަށް ފޮނުވަންޖެހޭ އެންމެ ފަހު ތާރީހަކީ މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހެވެ. މި މުއްދަތުގައި ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް ފޮނުވީ 10 އަތޮޅު ކައުންސިލަކުންނާއި 56 ރަށު ކައުންސިލަކުންނެވެ. ތަރައްގީގެ ޕްލޭން ފޮނުވީ 14 އަތޮޅު ކައުންސިލަކުންނާއި 66 ރަށު ކައުންސިލަކުންނެވެ. މުއްދަތު ފާއިތުވެދިޔައިރު އެއްވެސް ސިޓީ ކައުންސިލަކުން ޕްލޭންތައް ފޮނުވާފައިނުވާކަމަށް އެލްޖީއޭއިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355