ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމާ އަންނަ ފެބުރުއަރީމަހު ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަފީފުއްދީން ސްކޫލުގައި އިމާރާތްކުރަމުންދަނީ ތިން ބުރީގެ އިމާރާތުގައި 9 ކްލާސްރޫމާއި އަދި ފާހާނާ ބްލޮކެއް އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ މިހާރު ކުރަމުންދަނީ ފިނިޝިންގ ގެ މަސައްކަތްތައް ކަމަށާއި މިމަސް ތެރޭގައި ނިންމާ އަންނަ ފެބްރުއަރީމަހު އިމާރާތް ބޭނުން ކުރަން ފެށޭނެ ކަމަށެވެ.
” ފުރަތަމަ ފްލޯއާއި ދެވަނަ ފްލޯ ދެ ހަފްތާއެއްގެ ނިންމާލެވޭނެ. އިމާރާތުގެ މަސައްކަތް ޖެނުއަރީމަހުގެ ނިޔަލަށް ނިންމާ، ފެބްރުއަރީގައި ބޭނުންކުރަން ފެށޭވަރުވާނެ ” ކޮންޓްރެކްޓަރާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ.
އައިލެން ލައިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކުރާ ކުލާސް ރޫމް ބޮލަކަކީ 4.45 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހަދައި އިމާރާތެކެވެ.
އަފީފުއްދީން ސްކޫލަކީ ފައުންޑޭޝަން ގުރޭޑްތަކުން ފެށިގެން ގުރޭޑް އޯލަވެލްއާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.