އަތޮޅުތެރެއަށް ގެންދާ މުދާ ކްލިއާ ކުރުމުގެ މަސައްކަތް ހުޅުމާލޭ ވިޔަފާރި ބަނދަރަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްއިން ގެނައި 9.1 މިލިއަން ޑޮލަރުގެ ވެހިކަލްތައް ތައާރަފް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޖުނައިދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ގެންދަން ގެންނަ ކޮންޓެއިނަރުތައް ކްލިއާ ކުރުމުގެ މަސައްކަތް މާލޭގެ ބަނދަރުން ކުރުމުން މާލެ ބަނދަރު ތޮއްޖެހި ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
އެ މައްސަލަ ހައްލު ކުރުމަށް ކޮންޓެއިނާތަކުގައި ހުރި މުދާތަކުގެ ތަފްސީލް މައުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން ދެން އަތޮޅުތަކަށް ގެންދާ ކޮންޓެއިނަރުތައް ގެންދާނީ ހުޅުމާލެށް ކަމަށެވެ.
އެމްޕީއެލްއިން އަލަށް ގެނައި ވެހިކަލްތަކުގެ ތެރޭގައި ކޮންޓެއިނާ އުފުލާ ހަ ރީސްޓިކާ ހިމެނެއެވެ. އަދި އޭގެ އިތުރުން ގެނެސްފައި ވަނީ ދެ ފޯކް ލިފްޓާއި ޓްރަކު އަދި ހަތަރު އެމްޓީ ކޮންޓެއިނަރު ހޭންޑްލާ އެވެ.