މި އަހަރުގެ ދިރާސީ އާ އަހަރު ފެށެންވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކޮށްފި އެވެ.
ސްކޫލްތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކޮށް ބެލެހެއްޓުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔައީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއި ހަވާލުކޮށްގެންނެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 215 ސްކޫލެއްގައި ވަނީ އަލިފާން ނިވި ހަރުކޮށްފައިވާ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.
2017 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ އިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިވި ހަރުކުރެވި އޭގެ އެސްއޯޕީ ތައްޔާރުކުރެވި އެކަމަށް ބޭނުންވާ ފަންނީ ތަމްރީނު ލިބިފައިވާ މުވައްޒަފުން ސްކޫލްތަކުގައި ތިބޭނެކަމަށް މިނިސްޓްރީން ބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަޝްރޫއުއަށް 3.5 މިލިޔަން ރުފިޔާ ހަރަދުވެފައިވާ އިރު، ސްކޫލްތަކުގައި ހަރުކުރެވިފައިވާ އަލިފާން ނިވި ބެލެހެއްޓުމުގެ މަސައްކަތް ސިވެކް އިން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންގޮސްދޭނެ ކަމަށެވެ.
ދަރިވަރުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ފެށި މަސައްކަތްތަކުގެ ތެރެއިން ކުއްލި ހާލަތްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކާ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިމަޖެންސީ އޮޕަރޭޝަން ޕްލޭން ތައްޔާރުކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.