އުރީދޫން ރާއްޖޭގެ ދެކުނުން އުތުރަށް އަޅަމުންދާ ނޭޝަން ވައިޑް ސަބްމެރިން ކޭބަލް ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ މިއަދު ގުޅާލައިފިއެވެ.
މިކޭބަލް މިއަދު ކުޅުދުއްފުއްޓާ ގުޅާލުމުން މުޅި ރާއްޖޭގައި އެކުންފުނިން އަޅަން ފަށާފައިވާ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންތަކާ ގުޅާލެވުނީ އެވެ. އުރީދޫގެ ކޭބަލް ލޭންޑް ސްޓޭޝަންތައް 6 ރަށެއްގައި ވަނީ ގާއިމްކޮށްފައި އެވެ. އެއީ އައްޑޫ ސިޓީ އާއި ގދ ތިނަދޫއާއި ހުޅުމާލޭއާއި މ. ކޮޅުފުށިގެ އިތުރުން ބ. އޭދަފުށި އަދި ކުޅުދުއްފުއްޓެވެ.
އުރީދޫ ސަބްމެރިން ކޭބަލް ބޯޓް ކުޅުދުއްފުށީ އިރުމަތި ފަރާތުގައި–
އުރީދޫން ކުޅުދުއްފުއްޓަށް ސަބްމެރިން ކޭބަލް ގުޅާލާ ލޭންޑީން ސްޓޭޝަން ގާއިމުކޮށްފައިވަނީ ސްޓޭޑިއަމް ކައިރީގައި ހުންނަ އުރީދޫގެ ސްޓޭޝަނާ އެވެ.
ފަންސަވީސް މިލިއަން ޑޮލަރުގެ ބޮޑު މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހު 8 ވަނަ ދުވަހު އެވެ.
މިއީ އުރީދޫ އަށް ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބުމުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވީހާ ވެސް އަވަހަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ފަށާފައިވާ މަޝްރޫއު އެކެވެ.