twitterviber whatsapp telegramfacebookyoutube instagram
29th March 2024

2716 ދަރިވަރުންނާ އެކު ކުޅުދުއްފުށީގައި ދިރާސީ އާ އަހަރު ފަށައިފި

Jan 8, 2017

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކުޅުދުއްފުށީގެ ސްކޫލުތަކުގެ އާބާދީ ވަނީ ފާއިތުވި 2 އަހަރާ އަޅާ ބަލާއިރު މައްޗަށް ޖެހިލާފަ އެވެ. އެގޮތުން 2015 ވަނަ އަހަރު ކުޅުދުއްފުށީ ސްކޫލުތަކުގައި 2670 ދަރިވަރަކު ތައުލީމު ހާސިލުކުރިއިރު 2016 ވަނަ އަހަރު 2629 ދަރިވަރަކު ތައުލީމު ހާސިލުކުރި އެވެ. އަދި މިއަހަރު ދިރާސީ އާ އަހަރު ފެށުނުއިރު ކުޅުދުއްފުށީގެ 5 ސްކޫލުގައި 2716 ދަރިވަރުން ތައުލީމު ހާސިލުކުރާނެ އެވެ. އެ އަދަދު ޖަލާލުއްދީން ސްކޫލުގެ ގުރޭޑް 11 އަށް ދަރިވަރުން ވެއްދުމުން މަތިވާނެ އެވެ.

ޖަލާލުއްދީން ސްކޫލުގެ ގުރޭޑް 11 އަށް ދަރިވަރުން ނަގާނީ މިއަހަރު މާރޗްމަހު އެެވެ.

ކައުންސިލުން ހިނގާ ޕްރީ ސްކޫލެއް ކަމަށްވާ އަމީރު އަމީން ސްކޫލުގައި ގައި 339 ދަރިވަރަކު ތައުލީމު ހާސިލުކުރާނެ އެވެ. އެއީ ނާސަރީގައި 204 ދަރިވަރަކާއި ބޭބީ ނާސަރީގައި 135 ދަރިވަރެކެވެ..

މި އަހަރުވެސް އެންމެ ބޮޑު އާބާދީއާ އެކު ކިޔެވުން ފެށި ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އެވެ. މި އަހަރު ޖުމްލަ 1159 ދަރިވަރުން އެ ތައުލީމް ހާސިލް ކުރާނެއެވެ. އަދި އެސްކޫލްގައި ރަށުން ބޭރު 138 ދަރިވަރުން މި އަހަރު ތައުލީމް ހާސިލް ކުރާނެ އެވެ.

ޕްރީ ސްކޫލް ގްރޭޑް ތަކުން ފެށިގެން ގްރޭޑް 1 ން 10 އަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައި މިއަހަރު 768 ދަރިވަރުން ތައުލީމު ހާސިލު ކުރާއިރު އޭގެތެރެއިން މިއަހަރު އަލަށް އެހެން ރަށްރަށުން 21  ދަރިވަރުން ވަނީ އެސްކޫލަށް ބަދަލުވެފަ އެވެ. އަދި އެހެން ގައުމުތަކުގެ 4 ދަރިވަރަކު އަފީފުއްދީން ސްކޫލުގައި މިއަހަރު ތައުލީމް ހާސިލްކުރާނެ އެވެ.

ކުޅުދުއްފުށީ ސެކަންޑަރީ ސްކޫލް ކަމަށްވާ ޖަލާލުއްދީން ސްކޫލްގެ މި އަހަރު ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ އަދަދު މިދިޔަ އަހަރަށް ވުރެ ދަށްކަން ފާހަގަ ކޮށްލެވެ އެވެ. މިދިޔަ އަހަރު އެސްކޫލްގައި ތައުލީމު ހާސިލުކުރި ޖުމްލަ 486 ދަރިވަރުންނެވެ. މި އަހަރު އެސްކޫލްގެ ޖުމްލަ އާބާދީއަކީ 427 ދަރިވަރުންނެވެ. އޭގެ ތެރެއިން 10 ދަރިވަރުންނަކީ ރަށުން ބޭރުން މުޅި އަލަށް ސްކޫލާއި ގުޅުނު ދަރިވަރުންނެވެ. މިއަހަރު އެސްކޫލުގެ ގުރޭޑް 8 ގައި 98 ދަރިވަރުން ތައުލީމު ހާސިލްކުރާނެ އެވެ.

ކުޅުދުއްފުށިގައި ހިނގާ ޕްރައިވެޓް ސްކޫލެއް ކަމަށްވާ ދަ ލީޑިން ސްޓެޕް އިންޓަނޭޝަނަލް ޕްރީ ސްކޫލްގައި މިއަހަރު 23 ދަރިވަރުން ތައުލީމު ހާސިލްކުރާނެ އެވެ. މިދިޔަ އަހަރުގެ ކިޔެވުން ނިމުނުއިރު 30 ދަރިވަރުން ވަނީ އެ ސްކޫލުގައި ތައުލީމު ހާސިލުކޮށްފަ އެވެ. ދަ ލީޑިން ސްޓެޕް އިންޓަނޭޝަނަލް ޕްރީ ސްކޫލަކީ މޮންޓަސޫރި މަންހަޖަށް ކިޔަވާދޭ ސްކޫލެކެވެ.

މި ސްކޫލްގައި ކިޔަވައިދެނީ މޮންޓަސޫރީ މަންހަޖަށް ރާއްޖެއިން ބޭރުން ޓްރެއިން ވެފައިވާ ޓީޗަރުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު ކުޅުދުއްފުށީގެ ހުރިހާ ސްކޫލެއްގައި މިއަދު ކިޔަވައިދޭން ފަށާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355