މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު އެކި ރަށްރަށުން އަލަށް ކުޅުދުއްފުށީގެ ސްކޫލުތަކަކަށް 75 ދަރިވަރަކު ވަނީ ބަދަލުވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ވަރަށް މަދު އަދަދެކެވެ. މިދިޔަ އަހަރު އަލަށް އެހެން ރަށްރަށުން ކުޅުދުއްފުށީ ސްކޫލުތަކަށް 209 ދަރިވަރަކު ބަދަލުވެފައިވެ އެވެ.
އެގޮތުން ޖަލާލުއްދީން ސްކޫލަށް އެކި ރަށްރަށުން 10 ދަރިވަރަކު މިއަހަރު އަލަށް ވަދެފައިވެ އެވެ. އަދި އެލްކޭޖީ ފެށިގެން ދިހައަކަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލަށް މިއަހަރު އަލަށް އެހެން ރަށްރަށުން ވަދެފައިވަނީ 21 ދަރިވަރުންނެވެ.
އަދި ކުޅުދުއްފުށީގައި ހުރި އެންމެ ދުވަސްވީ އެއް ސްކޫލުކަމަށްވާ ހދ އަތޮޅު ތައުލީމީ މަރުކަޒަށް އެހެން ރަށްރަށުން 20 ދަރިވަރަކު މި އަހަރު އަލަށް ބަދަލުވެފަވެ އެވެ.
ކުޅުދުއްފުށީ ކައުންސިލުން ހިންގަމުންދާ ޕްލޭ ސްކޫލުކަމަށްވާ އަމީރު އަމީން ސްކޫލަށް ރަށުން ބޭރު 24 ދަރިވަރަކު މިއަހަރު ތައުލީމް ހާސިލްކުރާނެ އެވެ.